ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ކުޅެމުން އަންނަ ޖޫލިއަން ޑްރެސްލާ ބެންފީކާއަށް ބަދަލުވެއްޖެއެވެ.

ޑްރެސްލާ ސޮއިކުރިކަން ބެންފީކާ އިން ހާމަ ކޮށްފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ކްލަބަށް ބަދަލުވެފައި ވަނީ މި ސީޒަނުގެ ނިޔަލަށެވެ.

އުމުރުން 28 ގެ ޖަރުމަނުގެ ވިންގާ ޑްރެސްލާ މި ސީޒަނުގއި ޕީއެސްޖީއަށް އެއްވެސް މެޗެއް ކުޅެފައި ނުވާއިރު، އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުއެވެ.

މީގެ ކުރިން ޝާލްކޭ އަދި ވޮލްފްސްބާގްއަށް ކުޅެފައިވާ ޑްރެސްލާ ޕީއެސްޖީއަށް ސޮއި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޕީއެސްޖީގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 198 މެޗުގައި 26 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޝާލްކޭއާއެކު ކާމިޔާބީތައް ހޯދާފައިވާ ޑްރެކްސްލާ ވަނީ ޕީއެސްޖީއާއެކު ހަތަރު ލީގު ތަށި، ހަތަރު ފްރެންޗް ލީގު އަދި ދެ ފްރެންޗް ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.

ޖަރުމަން ގައުމީ ޓީމާއެކު 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޑްރެކްސްލާ ވަނީ 2017 ވަނަ އަހަރު ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.