ޕްރިމިއާ ލީގުގައި އެވަޓަން އަތުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ލިވަޕޫލްއަށް ޕޮއިންޓް ތާވަލުގައި ކުރިޔަށް ދިޔުމަށް ހާސްކަން ދިމާވެއްޖެއެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުން ދިޔައީ ލިވަޕޫލް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ އެވަޓަންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެވަޓަން އިން ދިޔައީ ބައި ކޮޅަށް ލަނޑެއް ވަނެ ނުދިނުމަށް މޮޅު ޑިފެންސެއް ކުރަމުންނެވެ.

މި މެޗުގެ 32 ވަނަ މިނެޓުގައި އެވަޓަންއަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޑޭވިސްއަށް ލިބުނު މި ފުރުސަތު އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއަށްފަހު ލިވަޕޫލްއަށް ވެސް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެޓީމުން ވަނީ ކުރިޔަށް ޖެހި އެވަޓަންގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއްވެސް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތައް އެވަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ ހުށިއާރު ކަމާއެކު ދިފާއު ކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފަސް ވަނައިގައެވެ. އެވަޓަން އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.