ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އިން އެއްވަނަ މަގާމު ދެމެހެއްޓިއިރު، ބާސެލޯނާވެސް ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ރެއާލް މޮޅުވީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް އިންނެވެ. މިގޮތުން އެޓީމުން ވަނީ ނުވަ ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީސިއަސް ޖޫނިއާއެވެ.

ނަމަވެސް ބެޓިސް އިން ވަނީ ރެއާލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ކެނަލެސްއެވެ.

މެޗުގައި ލީޑު އަނބުރާ ހޯދަން ރެއާލްއަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފް ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިތުރަށް ވަރުގަދަކޮށް ފެނިގެންދިޔައިރު، އެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ލީޑު އަނބުރާ ހޯދުމަށް ގިނަ ފުރުސަތަކެއް މި ހާފްގައިވެސް ރެއާލްއަށް ވަނީ ލިބި ބޭކާރުވެފައެވެ.

ރެއާލް އިން މެޗުގެ ލީޑު އަނބުރާ ހޯދީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަލްވާޑޭގެ އެހީތެރިކަމާއެކު ރޮޑްރީގޯއެވެ. މިއަށްފަހު ލީޑު ފުޅާ ކުރަންވެސް ރެއާލްއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބެޓިސް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ.

ބާސެލޯނާ މޮޅުވީ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ދެޓީމުންވެސް ވަނީ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ބާސާއިން މެޗުގެ ލީޑު ނެގީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަފީނާއެވެ. މި ލަނޑަށްފަހުވެސް ބާސާގެ ފަރާތުން ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، 36 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑުން ބާސާ އިން ވަނީ ލީޑު ފުޅާ ކޮށްފައެވެ.

މިއާއެކު ފުރަތަމަ ހާފް 0-2 ގެ ނަތީޖާއަކުން ސެވިއްޔާގެ މައްޗަށް ބާސާ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. މިގޮތުން މި ހާފްގައިވެސް ބާސާގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ އެރިކް ގާސިއާއެވެ. މި ލަނޑުގެ އިތުރުން ލެވަންޑޯސްކީ ޖެހި ލަނޑުގައިވެސް ކޫންޑޭ ވަނީ އެސިސްޓް ކޮށްފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސެވިއްޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.