އިޓާލިއަން ލީގުގައި އޭސީ މިލާން އިން 2-3 ގެ ނަތީޖާއަކުން އިންޓަ މިލާންގެ މައްޗަށް ކުރިހޯދައިފިއެވެ.

އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ވަނީ އިންޓަ މިލާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނަމަވެސް، މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންޓަ މިލާން އިންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ކޮރެއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބްރޮޒޮވިޗްއެވެ. މި ލަނޑާއެކު އޭސީ މިލާން އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ.

މިގޮތުން 28 ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޓޮނާލީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރަފައެލް ލިއާއޯއެވެ. މިއަށްފަހު ލީޑު ނެގުމަށވްެސް އޭސީ މިލާންއާއަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން އޭސީ މިލާން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ލިއާއޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އޮލިވާ ޖިރޫއެވެ. އަދި 60 ވަނަ މިނެޓުގައި ލިއާއޯ ވަނީ އޭސީ މިލާންއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގައި އިންޓަ މިލާންގެ ފަރާތުން ފެނިގެންދިޔަ ދެވަނަ ލަނޑު ކާމިޔާބުކުރީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު ޑާމިއަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެޑިން ޒެކޯއެވެ. މިއަށްފަހުވެސް ދެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އޭސީ މިލާން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައެވެ. މެޗުން ބަލިވި އިންޓަ އޮތީ ކުޅުނުފ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަގާތުން ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.