އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ޖަޕާން ބަލިކޮށް ރާއްޖެއިން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން ޖަޕާންގެ މައްޗަށް ކުރިހޯދީ 21-56 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ކުއާޓާ ރާއްޖެއިން ޖަޕާންގެ މައްޗަށް 21 ޕޮއިންޓްގެ ލީޑަކާއެކު ކުރީގައި އޮވެގެން ނިންމާލި އިރު، މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 35 ޕޮއިންޓްގެ ތަފާތަކާއެކުގައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވީ މުބާރާތް ބާއްވާ ގައުމު ސިންގަޕޫރު އަތުން 10-96 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ސިންގަޕޫރު އަދި ޖަޕާންއާ އެކު އެއް ގްރޫޕެއްގައެވެ. މިގޮތުން ޖަޕާން އަތުން ހޯދި މޮޅާއެކު ރާއްޖެ ވަނީ މުބާރާތުގެ ދެން އޮތް ބުރުން ޖާގަ ހޯދާފައިވާއިރު، ދެވަނަ ބުރުގައި ރާއްޖެ ނިކުންނާނީ ފިލިޕިންސްއާ ދެކޮޅަށެވެ.

ޖުމްލަ 11 ޓީމު ބައިވެރިވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.