ހަމައެކަނި އެރްލިންގް ހާލަންޑްއަށް ބަރޯސާވެގެން މެންޗެސްޓާ ސިޓީއަށް ޗެމްޕިއަންސް ލީގު ނުހޯދޭނެ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގު ހޯދޭނީ ޓީމެއް ގޮތުގައި މަސައްކަތް ކޮށް، ހާލަންޑްއަށް ލަނޑު ޖެހުމަށް މަގުފަހި ކޮށްދީގެން ކަމަށާއި، ނަމަވެސް ހާލަންޑްއަށް އެކަނި ބަރޯސާވެގެން ސިޓީއަށް ޗެމްޕިއަންސް ލީގު ނުހޯދޭނެ ކަމަށެވެ.

ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހާލަންޑް ހައްލު ކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ހާލަންޑްގެ ސަބަބުން ޓީމަށް ވަރަށް ފައިދާ ކުރާ ކަމަށެވެ. އަދި ކާމިޔާބު ހޯދޭނީ މުޅި ޓީމު އެކުގައި ކުރާ މަސައްކަތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަނުގައި ހާލަންޑް މޮޅު ކުޅުމެއް ސިޓީގައި ދައްކަމުން އަންނައިރު، އޭނާ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު ހަތް މެޗުގައި 10 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ސިޓީގައި ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފްވެސް ކުރަމުންނެވެ.

ޕްރިމިއާ ލީގުގައި ސިޓީ އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ނިކުންނާނެ އެވެ.

ނޯވޭގެ ފޯވާޑް މީގެ ކުރިން ބްރޫޝިއާ ޑޯޓްމަންޑްއަށް ކުޅެފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 89 މެޗުގައި 86 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ވެސް ކާމިޔާބު ހޯދާފައެވެ. އަދި އޭނާ ވަނީ ނޯވޭ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 21 މެޗުގައި 20 ލަނޑު ކާމިޔާބު ކޮށްފައެވެ.