ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާންގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރި ހޯދިއިރު، ފަހު ވަގުތު 1-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް އިން ޕޯޓޯ ބަލިކޮށްފިއެވެ.

އިންޓަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗު ފެށުނީއްސުރެ ބަޔާން އިން ލިބޭ ފުރުސަތުތަކުގައި އިންޓަގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ.

މިގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލީރޯއި ސާނޭއެވެ. މި ލަނޑާއެކު އިންޓަ އިން ބަޔާންގެ ހާފަށް ބާރުބޮޑުކުރަން މަސައްކަތް ކުރި ނަމަވެސް، ބަޔާން އިން އެ ފުރުސަތު އިންޓައަށް ދީފައެއް ނުވެއެވެެ.

ދެވަނަ ހާފް ފެށިގެން އިންޓައިން އެޓީމުގެ ކުޅުން ވަރުގަދަ ކުރި ނަމަވެސް، 65 ވަނަ މިނެޓުގައި ބަޔާން އިން ވަނީ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑަކީ އިންޓަގެ އެމްބްރޯސިއޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މެޗުގެ ފަހުވަގުތު ދެޓީމަށްވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް ބަޔާންއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޗެމްޕިއަންސް ލީގުގައި އިންޓަ އަދި ބަޔާން ހިމެނެނީ ބާސެލޯނާ އަދި ވިކްޓޯރިއާ ޕިޒެންއާއެކު އެގް ރޫޕެއްގައެވެ.

އެތުލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޕޯޓޯ އިން ވަނީ އެތުލެޓިކޯގެ ހާފަށް ބާރު ބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތުލެޓިކޯގެ ޑިފެންސުން ދިޔައީ ޕޯޓޯ ހިފަހައްޓައި، ހަމަލާތައް ދިފާއު ކުރަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި އެތުލެޓިކޯއަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރެވިފައި ނުވާއިރު، ތަނަވަސް ކުރެވުނު ފުރުސަތުތަކުގެ ބޭނުންވެސް އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެެ. މިގޮތުން ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޕޯޓޯއިން އެޓީމުގެ ކުޅުން ވަރުގަދަކޮށް، ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން ރަނގަޅަށް ނުހިފެނިކޮށް އެތުލެޓިކޯ އިން ވަނީ އިތުރު ވަގުތުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާމޮސޯއެވެ.

ނަމަވެސް އިތުރު ވަގުތުގައި ޕޯޓޯއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބު ކުރީ އުރިބޭއެވެ. މެޗުގެ އެންމެ ފަހުވަގުތުކޮޅު ތެރޭގައި އެތުލެޓިކޯއަށް އަނބުރާ ލީޑު ނަގައި ދިނީ ދެވަނަ ހާފްގައި ކުޅެން އެރި އެންޓޯނިއޯ ގްރިޒްމަންއެވެ.

ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ އަދި ޕޯޓޯ ހިމެެނެނީ ކްލަބް ބްރޫޖް އަދި ބަޔާ ލެވަކޫސަންއާއެކު އެއް ގްރޫޕެއްގައެވެ.