ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓުވީޓް ގެއްލިއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަތުން 1-4 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވި މެޗާއެކު ލިވަޕޫލްގެ ސަޕޯޓަރުން އަންނަނީ އެ ކްލަބުގެ ކޯޗުކަމުން ކްލޮޕް ވަކި ކުރަން ޖެހޭ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

މިއާއެކު، ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރެއް ކަމަށްވާ ރައީސް މައުމޫން ވަނީ މިއަދު މެންދުރު "ކްލޮޕް ވަކި ކުރަން ޖެހޭ" ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. ނަމަވެސް އެ ޓުވީޓް ގަޑިއިރުތަކަށް ފަހު ޓުވިޓާއިން ގެއްލިފައިވާއިރު، ބެލެވޭ ގޮތުގައި ރައީސް މައުމޫން ވަނީ އެ ޓުވީޓް ޑިލީޓް ކުރައްވާފައެވެ.

ލިވަޕޫލްއަށް 1990 ވަނަ އަހަރުން ފެށިގެން ސަޕޯޓު ކުރައްވަމުން އަންނަ ރައީސް މައުމޫން ގަވައިދުން ލިވަޕޫލްގެ މެޗުތައް ބައްލަވައެވެ. އަދި ލިވަޕޫލްއާ ބެހޭގޮތުން ދޭތެރެއަކުން ޓުވީޓް ކުރައްވާއިރު، ލިވަޕޫލް ސަޕޯޓަރުން ހިމެނޭ ގްރޫޕްތަކުގައި މެޗުތަކާ ބެހޭގޮތުން ޝުއޫރުވެސް ފާޅު ކުރައްވައެވެ.

ޗެމްޕިއަންސް ލީގުގައި ހިތިކޮށް ނަޕޯލީ އަތުން ބަލިވި ލިވަޕޫލްއަށް މި ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. މިގޮތުން ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ. އަދި އެޓީމު ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

ލިވަޕޫލް އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ނިކުންނާނީ ވަޓްފޯޑްއާ ދެކޮޅަށެވެ. އަދި އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި އެޓީމު ނިކުންނާނީ އަޔަކްސްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ކްލޮޕް ވަކިކޮށްފައި މަމުމޫނަށް ކޯޗުކަން ދީީ. އެއްޗެއް ނޭގުނަސް ޔޯގާ ހަދާދޭނެހެން ހީވަނީ

    15
  2. އަހްމަދު

    ސަޕޯޓަރުންނަކީ ކޯޗުންނާ ކުޅުންތެރިންނައް ހިތވަރުދޭންތިބޭބަކަށްވާންޖެހޭ ސީޒަނެއްގެ ގެކުރީކޮޅު ކުލަބެއްދެމެޗަކުންބަލިވުމަކީ ކޯޗްމަރާލަންޖެހޭސަބަބެއްނޫން ރައިސް މައުމޫންނައް އެކަން ވިސްނިވަޑައިގެން އެޓުއިޓް ޑިލިޓްކޮށްލެއްވީ

    6
    1
  3. ޖެރާޑް

    މައުމޫނުގެ އނިޔާ ވެރިކަން 6 ދައުރަށް ދެމިގެންދިޔައިރުވެސް އަހަރެމެން ސެކް ކުރާކަށް ނުގޮވަން.. 7 ވަނަ ދައުރަށް ކުރިމަތިލީމަ އެގެއްޖެ ދެން ކަމަކުނުދާނެކަން ދެވިހިފާފިކަން..

    7
    1
  4. ޕޮގުބާ

    ބިރުގަތީ ދޯ ޓުވީޓް ޑިލީޓް ކުރީ ތީ ފެންވަރު

    3
    1
  5. ހުސައިން މަނިކު

    ފަލަކީ އިލްމުވެރިޔާއަށް ވިސްނާލުލާ ބުނެވުނު އެއްޗެއްކަން އެނގުނީ މާފަހުން. އެއްޗެއް ނޭނގުނަސް ބޯ ކޮއްޕާލާތި މައުމޫނާ !

    1
    1