ޑީއާރުޕީގެ ދަރަނީގެ މައްސަލައިގައި އެމްޓީސީސީ އިން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

މައުމޫން ޑީއާރްޕީގެ ޒައީމް ކަމުގައި ހުންނެވިއިރު ކުރި ބައެއް ޚަރަދުތަކަށް ފައިސާ ދައްކާފައި ނުވާތީ އެމްޓީސީސީން ހުށަހެޅި މައްސަލައަކާ ގުޅިގެން 2010 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ އެ ޕާޓީން އެމްޓީސީސީއަށް 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ. ނަމަވެސް އެ ފައިސާ ނުދެއްކުމުން އެމްޓީސީސީ އިން ހުކުމް ތަންފީޒު ކުރަން ހުށަހެޅުމުން ޑީއާރްޕީގެ ބޭންކް އެކައުންޓުތަކުން ޝަރީއަތަށް ނަގައިދެވުނީ އެންމެ 2،609 ރުފިޔާއެވެ.

ދަރަނީގެ މައްސަލައިގައި އެމްޓީސީސީން މައުމޫންގެ މައްޗަށް ދައުވާ އުފުލީ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވައިދުގައި ބުނެފައިވާތީ އެވެ.

ނަމަވެސް އެ މައްސަލައިގައި މިމަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓުން ނިންމީ ޑީއާރުޕީގެ ދަރަނި މައުމޫނު ދައްކަވަން ނުޖެހޭނެ ކަމަށެވެ. އެ ހުކުމް އެމްޓީސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ.

ހައިކޯޓުން ބުނީ، މި މައްސަލަ އިސްތިއުނާފު ކުރަން މިމަހުގެ ނުވައެއްގެ ނިޔަލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޓީސީސީން މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވަނީ، މިމަހުގެ 10 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށް ވުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

ޑީއާރްޕީ އިން އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.1 މިލިއަން ރުފިޔާއަށް އަރައެވެ.

މި ފައިސާ ދެއްކުމަށް މައުމޫން އިންކާރު ކުރައްވައި ވިދާޅުވެފައިވަނީ ދަރަނި ސާބިތުވެ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ކަމަށާއި އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ. މީގެ އިތުރުން ދަރަނި އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ވިދާޅުވެފައި އެވެ. އަދި ދަރަނި އުފެދުނު ކަމަށް ބުނާ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަންގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހަންމަދު

    ކަޑައެޅިފެން އެގޭ އެއްޗަކީ ކޮންމެމީހަކު އަގަފުޅާކޮށްފަ ޑިމޮކްރަސީއޭ ކިޔައިގެން
    ތިގެނައި އެއްޗަކުން މިގައުމަށް ލިބުނީ ގެއްލުންކަން. ތި ޑިމޮކްރަސީގެ ދަށުން ހިމާޔަތް ލިބެނީ މުޖުރިމުންނަށް. ކަބަރުގަ ތިބުނިގޮތަށް ގަވާއިދުގަ އޮތަސް އެތަކެއް މައުސޫމު ރައްޔިތުންނެއްގެ ނަމަށް ނިސްބަތްވާގޮތަށް ހިންގިޕާރޓީ އަކުން
    ބޮޑު ދަރަންޏެއް އުފެއްދީމަ އެބަދުނާމު އެމެންބަރުންގެ ބޮލުގަ އެޅޭއިރުވެސް އެދަރިނި އަދާކުރެވޭނެ ގޮތެއްނެތް. ޑިމޮކްރަސީއެއްގަ ތިބެންޖެހޭނީ އަބުރު ގެއްލިފަ ތިބި ރައްޔިތުންތޯ؟
    ރައީސްކަމަށް ފައިނަގާ ހުރިހާ ބޭފުޅުންނަށް އާދޭސް މިދަންނަވަނީ ކޮންމެ ރައްޔިތަކަށްވެސް އަބުރުވެރިކަމާއެކު ޟަރޫރީ ބޭނުންތަޢް ފުއްދައިގެން ސަލާމަތްތެރިކަމާއި އަމާންކަންމަތީ އުޅެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް

  2. ބަރަބޯ

    މިއީ މިގައުމު ދުއް އެންމެ ބޮޑު ބލ. އަދިވެސް މީނާގެވާހަކަ އެބައިވޭދޯ. މުޅިގައުމު ހަލާކުކޮއްލީ މީނާ. މިޖީލުގެ ފުރިހަމަ ޒިންމާ މީނާ ނަގަންޖެހޭނެ

    3
    3
  3. ސަރަފަކައްދަ

    ތިކަމުގެ ފުރިހަމަ ޒިންމާ އެމް.ޓީ.ސީ.ސީ އިން ނަގަން ޖެހޭނެ. ތިއީ ރައްޔިތުންގެ ފައިސާ. ދަރަންޏަށް ކަންކަން ކޮއްދިނުމަކީ މައްސަލައެއް. ރައްޔިތުންގެ ފައިސާ ހިތު ހުރިހާ ގޮތަކަށް ތަލާ ބުރުއްސާކަށްނޫން ތަމެން ތި ތަންތަނަށް ލާފައި ތި ތިބީކީ. ޒިންމާ ނަގާ.

  4. އަބްދޫ

    ޑީއާރުޕީ ގެދަރަނި ހޯދަން ޖެހޭނީ ތަސްމީނު ހައްޔަރުކޮށްގެން.