ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ރޭ ކެޓި އިރު، މި ވަގުތު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގު ކުޅޭ ލެވެލްގައި ނޫން ކަމަށް ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

މިއީ ބާސެލޯނާގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެ އަހަރު ކެޓި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވި މެޗަށް ނުކުތްއިރު، ވެސް އެ ޓީމު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާނެކަން ޔަގީންވެފައެވެ. އެއީ ރޭ އެ ގްރޫޕްގައި ކުރިން ކުޅުނު މެޗުގައި އިންޓަ މިލާނުން 4-0 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފައިވާތީ އެވެ.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުނީ ބާސާއިން މަސައްކަތް ކުރަންވީ ޓީމުގެ ހާލަތު ރަނގަޅުކޮށް، މަތީ ލެވަލްގައި ގަވާއިދުން ކުޅެން ކަމަށެވެ.

"ހަގީގަތާ ކުރިމަތިލާން ޖެހޭ، މި ވަގުތު ބާސާ މިއޮތީ ޗެމްޕިއަންސް ލީގު ކުޅެވޭ ލެވަލްގައެއް ނޫން. އަހަރެމެން މަސައްކަތް ކުރަންވީ ޓީމުގެ ހާލަތު ރަނގަޅުކޮށް، މަތީ ލެވަލްގައި ގަވާއިދުން ކުޅެން،" ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ބާސެލޯނާއަށް ކާމިޔާބުކުރުމުގައި އިސް ރޯލެއް އަދާކުރި ޒަވީ ބުންޏެވެ.

"ބާސާ އަކީ ޔޫރަޕު ލީގުގައި ކުޅެން ޖެހޭ ފެންވަރުގެ ޓީމެއް ނޫން. ބާސާ އަށް ޗެމްޕިއަންސް ލީގުގައި ވާދަ ކުރެވެންވާނެ. އަނެއްކާ ވެސް މިޖެހުނީ އާ ފެށުމަކުން ފަށަން. ކިތަންމެ އަސަރު ކުރިނަމަވެސް، އަހަރެމެންނަކީ ޗެމްޕިއަންސް ލީގު ކުޅެވޭ ވަރުގެ ބައެއް ނޫން. އެ ފެންވަރެއް އަހަރެމެން ގަޔަކު ނެތް މިވަތު."

ބާސާ އަށް 16 އަހަރު ވަންދެން އެތައް ކާމިޔާބީއެއް ހޯދައި ދިން ޒަވީ ބުނީ އޭނާ އަށް އޮތް މާޔޫސްކަމަކީ ޓީމު ފަހަތުގައި ސަޕޯޓަރުން އެ ގޮތަށް ތިބޭއިރު ވެސް އެ ވަރުގެ ލެވަލެއް ބާސާއަށް ނުދެއްކޭތީ ކަމަށެވެ. އަދި ރޭގެ މެޗަށް ނުކުތްއިރު ވެސް ކަޓާފައިވާތީ، އެއީ މެޗަށް އެންމެ ރަނގަޅު ވިސްނުމެއްގައި ނުކުންނަން ބެލިއިރު، ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

މި މެޗުގައި ސަޑިއޯ މާނޭ ބަޔާންގެ ފުރަތަމަ ގޯލު ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ އެރިކް މެކްސިމް ޗޮޕޫ-މޯޓިންއެވެ. މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހި ބެންޖަމިން ޕަވާޑްއެވެ. މި ތިން ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖް ގްނަބްރީއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވެ، އެ މުބާރާތުގައި 21 އަހަރު ވަންދެން ގަދަ 16 ގައި ހިމެނުނު ބާސެލޯނާ ވަނީ ކަޓާފައެވެ. އޭގެ ކުރިން ބާސެލޯނާ ނެތި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅުނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް ކެޓީ 2000/2001 ވަނަ ސީޒަނުގައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފައިވާ ޓީމުތަކަކީ ނަޕޯލީ، ލިވަޕޫލް، ކްލަބް ބްރޫޖް، ޕޯޓޯ، ބަޔާން މިއުނިކް، އިންޓަ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ އަދި ބެންފީކާއެވެ.