އަންނަ ނޮވެމްބަރު މަހު ފަށާ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕަށް ގަތަރަށް ދަތުރުކުރާ ސަޕޯޓަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

މި އަހަރުގެ ވޯލްޑް ކަޕު ގަތަރުގައި ބާއްވާއިރު، ގަތަރުން އަންނަނީ ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިންނަށް ލުއި ފަސޭހާ ވާނޭ ގޮތަށް ކަންކަން އިންތިޒާމް ކުރަމުންނެވެ.

އެގޮތުން މީގެ ކުރިން ގަތަރުން މެޗުތައް ބެލުމަށް ސަޕޯޓަރުންނަށް ދަނޑަށް ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ނައްސިި (ނެގެޓިވް) ނަތީޖާއާއެކު އެކަނިކަމަށް ބުނި ނަމަވެސް ބުދަ ދުވަހު ޤަތަރުން ވަނީ އެނިންމުން ބަދަލުކޮށްފައެވެ.

ޤަތަރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން މުބާރާތް ބެލުމަށް ޤަތަރަށް ދަތުރުކުރާ ސަޕޯޓަރުން ކޮވިޑަށް ޓެސްޓަށް ކުރަން ނުޖެހޭނެއެވެ. މިގޮތަށް ނިންމީ މުޅި ދުނިޔެ އަދި ޤަތަރުގައިވެސް ކޮވިޑަށް ފައްސި (ޕޮސިޓިވް)ވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާތީއެވެ.

އެހެން ނަމަވެސް ހުރިހާ ސަޕޯޓަރުންވެސް ޤަތަރުގެ ސަރުކާރުން ގާތުން އެއްތާވި މީހުން (ކޮންޓެކްޓް ޓްރޭސް) ދެނެގަތުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަންކަމަށްވާ "އިހްތިރާޒް"ގައި ރަޖިސްޓަރީވާން ޖެހޭނެއެވެ.

ދުނިޔޭގެ ނިސްބަތުން އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރަށް މިއަހަރުގެ ވޯލްޑް ކަޕް ބެލުމަށް އެއް މިލިއަނަށް ވުރެ ގިނަ ބިދޭސީން ޒިޔާރާތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ވޯލްޑް ކަޕްގައި ސްޓޭޑިއަމްތަކުގެ އެތެރެއިން ބަނގުރާ ނުވިއްކާނެ ކަމަށް ވޯލްޑްކަޕްގެ އިންތިޒާމްތައް ހަމަޖައްސާ ގަތަރުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ހަޔާ ޕާސްގެ ހިދުމަތުގެ ހެޑް ސާދު އަލް ސުވައިދީ ވިދާޅުވީ ވިސާ، މެޗް ޓިކެޓް، ޓްރާންސްޕޯޓް ޓިކެޓުގެ ގޮތުގައި މަސައްކަތްކުރާ އަދި ބައެއް ފޭން ޒޯންތަކަށް އެކްސެސް ލިބޭ މި ކާޑަށް މިހާތަނަށް 1.5 މިލިއަނާއި 1.7 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

ގަތަރަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް މެޗެއް ބަލަން ގަސްދުކުރި ނަމަވެސް ނުވަތަ ނުބެލި ނަމަވެސް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެވާން ޕާސް ބޭނުންވާނެއެވެ.ބައިނަލްއަގުވާމީ ސަޕޯޓަރުން ޕާހަށްއެދި ހުށަހަޅަން ޖެހެނީ ޓިކެޓް ގަނެ އެކޮމޮޑޭޝަން ހޯދުމަށް ފަހު އެވެ.