ޗެމްޕިއަންސް ލީގުގައި ރޭ މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ޓޮޓެންހަމްގެ ފޯވާޑް ސޮން ހެންގް މިންއަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މާސޭ އަތުން 1-2 އިން މޮޅުވި މެޗަށްފަހު ޓޮޓެންހަމުން ބުނީ ސޮންއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ސޮންގެ ވާއަތު ލޮލުގެ ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އެކަމުން ރަނގަޅު ވުމަށް ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.

އުމުރުން 30 އަހަރުގެ ސޮންއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ސާޖަރީ ހަދާނެ ވަގުތަކާއި، ރަނގަޅުވާނެ ފްރޭމެއް ޓޮޓެންހަމުން ހާމަކޮށްފައި ނުވާ އިރު، ކޮރެއާއަށް ވޯލްޑްކަޕުގެ ފުރަތަމަ މެޗު އޮތީ މި މަހުގެ 24 ގައެވެ. އުރުގުއާއީއާ ދެކޮޅަށް އެ މެޗަށް ނުކުންނަ އިރު، ކޮރެއާގެ ކެޕްޓަން ސޮން އަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ.

ހަމައެހެންމެ، ސޮން ވަނީ މިހާތަނަށް ކޮރެއާގެ ގައުމީ ޓީމަށް 104 މެޗު ކުޅެ 35 ގޯލު ޖަހައިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގޯލަކީ މިދިޔަ ފަހަރުގެ ވޯލްޑްކަޕުގައި ޖަރުމަނު ކޮޅަށް އޭނާ ފަހު ވަގުތު ޖެހި ގޯލެވެ. އެ ގޯލާއެކު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ޖަރުމަނު ވަނީ މުބާރާތުން ކަޓައިފައެވެ.

ޓޮޓެންހަމުން އަންނަ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ސޮން ނުފެންނާނެއެވެ. މި ވަގުތު ތާވަލުގެ ތިންވަނައިގައި އޮތް ޓޮޓެންހަމަށް މަގާމު ދެމެހެއްޓުމަށް އެ މެޗަކީ މުހިއްމު މެޗެކެވެ.

ސޮންއަށް ލިބުނު ފަދަ އަނިޔާއަކުން އަރައިގަނެ މީގެ ކުރިން ވެސް ބައެއް ކުޅުންތެރިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަރުވާ ހޯދައިގެން ބޮޑެތި މުބާރާތްތައް ކުޅެފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނޭފަތު ކަށިގަނޑު ބިނދުނު ކެވިން ޑެބްރޭނާ ވަނީ އޭގެ 19 ދުވަސް ފަހުން ޔޫރޯގައި ބެލްޖިއަމް ޓީމަށް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު