ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ހޯދައިފިއެވެ.

މީގެ ކުރިން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އަތުގައެވެ. ފާގަސަން ރެކޯޑް ހެދީ 102 މެޗުން މޮޅުވެގެންނެވެ.

ރޭ ސެލްޓިކް އަތުން 5-1 އިން ރެއާލް މެޑްރިޑް މޮޅުވުމާއެކު އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ވަނީ މިހާތަނަށް 103 މޮޅު ހޯދައިފައެވެ.

ހަމައެހެންމެ، އެންޗެލޮޓީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އެގޮތުން ރެއާލާ އެކު ދެ ފަަހަރު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފައި ވާއިރު އޭސީ މިލާނާ އެކު ވެސް ދެ ފަހަރު މަތިން ތަށި ކާމިޔާބު ކޮށްފައިވެއެވެ. އެންޗެލޮޓީއާ އެންމެ ވާދަކުރަނީ ތިން ތައްޓާއެކު އޮތް ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އާއި ލިވަޕޫލްގެ ކުރީގެ ކޯޗު ބޮބް ޕެއިސްލީއެވެ.

އިޓަލީ އަށް އުފަން އެންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް، މިލާން، ޗެލްސީ، ރެއާލް، ނަޕޯލީ، ބަޔާން މިއުނިކް އަދި ޕީއެސްޖީ އަށް ކޯޗުކަން ކޮށްދީފައެވެ.

ރެއާލުން ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ލޫކަ މޮޑްރިޗް، ރޮޑްރިގޯ، މާކޯ އަސެންސިއޯ އާއި ވިނީޝިއުސް ޖޫނިއާ އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު, ފެޑެރީކޯ ވަލްވޭޑޭއެެވެ.

ރޭގެ މެޗުން މޮޅުވުމާއެކު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ހަ މެޗުން 13 ޕޮއިންޓާ އެކުއެވެ.