މިހާރު މީ ފުޓްބޯޅައަށް ފޯކަސް ކުރަންވީ ވަގުތު ކަމަށް ބުނެ ފީފާއިން ވޯލްޑްކަޕްގައި ބައިވެރިވާ 32 ޓީމަށް ސިޓީ ފޮނުވައިފިއެވެ.

ފީފާ އިން މިހެން އަންގާފައިމިވަނީ ގަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑްކަޕާއި ގުޅިގެން އެކިކަހަލަ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ގަތަރުން އެއްޖިއްސުން ގުޅުން ހިންގުމާއިމެދު ގެންގުޅޭ ވިސްނުމާއި، އެގައުމުގެ އިންސާނީ ހައްގުތަކުގެ ވާހަކައާއި، އެގައުމަށް އެހެންގައުމުތަކުން މަސައްކަތްކުރަން އަންނަ މީހުންނާއި މެދު ކަނތައްތައްކުރާ ގޮތާއިމެދު، އެކި ފަރާތްތަކުން އަންނަނީ ގަތަރަށް ފާޑުކިޔަމުންނެވެ.

މިކަންކަމާއި ދެކޮޅު ހެދުމުގެ ގޮތުން ބައެއް ކުޅުންތެރިންވެސް ވަނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް ނިންމާފައެވެ.

އެގޮތުން އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އާއި ޔޫރަޕްގެ އަނެއް ނުވަ ޓީމްގެ ކެޕްޓަނުންވެސް މި މުބާރާތް ކުޅެމުންދާއިރު "ވަން ލަވް" ނުވަތަ "އެއް ލޯތްބެއް" ގެ ނަމުގައި އަތުގައި ބޭންޑެއް އަޅާނެކަމަށް ވަނީ ބުނެފައެވެ. މިއީ އެއްޖިއްސުން ގުޅުން ހިންގާމީހުންނާއި ދޭތެރޭ ތަފާތުކުރުން ނައްތާލުމަށާއި އަދި އެހެނިހެންވެސް މީސްމީހުންގެ ދޭތެރޭގައި ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ ކުރާ ސުލްހަވެރި މުޒާހަރާއިން ބައެެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ޑެންމާކުންވެސް ވަނީ މިފަހަރުގެ މުބާރާތުގައި އެ ޓީމުން ލާނީ އާދައިގެ "ޓޯންޑް ޑައުން" ޖޯޒީއެއްކަމުގައި ބުނެފައެވެ. އެއީ އާދައިގެ ކުލަތައް މަދު ޖޯޒީއެކެވެ. އެޓީމުން ވަނީ ހުސްރަތާއި ހުސްހުދު ޖޯޒީ ބައެއްގެ އިތުރުން ހުސް ކަޅު ޖޯޒީބައެއްވެސް ލާނެކަމަށް ބުނެފައެވެ. އަދި ޖޯޒީގައި އެގައުމުގެ ބެޖުވެސް އިންނަނީ ވީހާވެސް ފާހަގަ ނުވާނެގޮތަށެވެ. ޑެންމާކުން ބުނާގޮތުގައި "އެ މުބާރާތެއްގެ ސަބަބުން އެތައް ފުރާނައެއް ގޮސްފައިވާ" މުބާރާތެއްގައި އެ ގައުމު "ފެންނާކަށް ބޭނުމެއް ނުވެއެވެ."

ޑެންމާކްގެ ޖޯޒީ

ފްރާންސްގެ ވެރިރަށް ޕެރިސްއާއި އަދި ފްރާންސް ބައެއް އެހެން ސިޓީތަކުންވެސް ވަނީ އާންމުތަންތާގައި ވޯލްޑްކަޕްގެ މެޗުތައް ނޭޅުވުމަށް ނިންމާފައެވެ.

ފުޓްބޯޅައިގެ ދަނޑުން ބޭރުން ހިނގަމުންދާ އެހެން މައްސަލަތަކުގެ ތެރޭގައި ރަޝިއާ ޔުކްރޭނު ހަނގުރާމައިގެ ސަބަބުން ފީފާއިން ރަޝިއާއަށް ނުކުޅެވޭ ގޮތް ހަދާފައިވުމާއި، އިންސާނީ ހައްގުތަކާއި ހިލާފުވެފައިވާކަމަށް ބުނެ މުބާރާތުން އިރާން ބޭރުކުރުމަށް ޔުކްރޭނުން ގޮވާލާއިފައިވުން ހިމެނެއެވެ.

ގަތަރުގައި ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ ހުރިހާ އެންމެންނަށް ފުޓްބޯޅަ ބެލުމަށް ގަތަރަށް މަރުހަބާ ކިޔާނެކަމަށާއި އެއްވެސް މީހަކާއި ދޭތެރޭ ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

މިހާރު ދެން ފުޓްބޯޅައަށް ފޯކަސް ކުރަން ބުނުމުގެ އިތުރުން ފީފާއިން ޓީމްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމީހަކީ ކޮންމެ ގައުމެއްގެ، ދީނެއްގެ، ދަރިކޮޅެއްގެ، ޖިންސެއްގެ، އަދި ޖިންސީ ވިސްނުމެއްގެ މީހެއް ނަމަވެސް ހުރިހާ އެންމެންނަށް ވެސް މި މުބާރާތަށް މަރުަހަބާ ކިޔާކަމަށެވެ.

މި އަހަރުގެ ވޯލްޑްކަޕަށް ގަތަރުން ވަނީ ހަތް ސްޓޭޑިއަމާއި، އެއާޕޯޓަކާއި، ސަތޭކަހައެއްހާ ހޮޓަލު އެޅުމުގެ އިތުރުން އެތައް މަގުތަކެއްވެސް ހަދާފައެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ސްޓޭޑިއަމް އެޅުމުގެ މަސައްކަތަށް އެހެންގައުމުތަކުން 30000 މަސައްކަތްތެރިން ގެނެސްފައިވާނެކަމަށެވެ. އޭގެ ތެރޭގައި ގިނައީ ބަނގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ފިލިޕީންސް މީހުންނެވެ.

ގައުމުން ބޭރުން މަސައްކަތްކުރަން ގެންނަ މީހުންނާއި ދޭތެރޭ ގަތަރުން އަމަލުތައް ބަހައްޓާ ގޮތާއި އެމީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައިވުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު، "ދަ ގާޑިއަން" އިން ބުނެފައިވަނީ ގަތަރުން ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރި ފަހުން ބޭރުގެ މަސައްކަތްތެރިންގެ ތެރެއިން 6500 މީހުން މަރުވެފައިވާކަމަށެވެ. ނަމަވެސް ގަތަރުން ބުނެފައިވަނީ މި އަދަދުގެ ތެރޭގައި ވޯލްޑްކަޕްގެ މަސައްކަތް ނޫން އެހެން މަސައްކަތްތަކާއި ގުޅިގެން މަރުވި މީހުންވެސް ހިމެނޭނެކަމަށާއި، މިއަދަދު އޮޅުވާލައިފައި ވާކަމަށެވެ. އެގައުމުން ބުނެފައިވަނީ 2014 އިން 2020 ވަނަ އަހަރާއި ހަމައަށް ވޯލްޑްކަޕް ސްޓޭޑިއަމް އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 37 މީހުން ކަމަށާއި، އޭގެ ތެރޭން މަސައްކަތާއި ގުޅިގެން މަރުވީ 3 މީހުން ކަމަށެވެ.