މިއަދު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ފްރާންސްގެ އެންމެ އިތުބާރު ހިފޭ ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އޭނާ ބުނެފިއެވެ.

ބެންޒެމާއަށް އަނިޔާވީ ފްރާންސްގެ ޓީމުން އިއްޔެ ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިންނެވެ. ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި އަނިޔާ ވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށެވެ.

އެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތިން ހަފްތާ ނަގާނެ ކަމަށް އެމްއާރްއައި ރިޕޯޓަށް ރިއާޔަތްކޮށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން ފްރާންސް ޓީމުން މީސް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބެންޒެމާއަށް މިވަގުތު ފްރާންސް ގައުމީ ޓީމު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ ކަމަށާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. މިއީ ބެންޒެމާގެ އިތުރުން މުޅި ޓީމަށް ވެސް ލިބުނު ބޮޑު ދެރެއެއް ކަމަށާއި، އޭނާއަށް މުޅި ޓީމުގެ ފަރާތުން އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ފްރާންސްގެ ގައުމީ ޓީމުން ބުނެފައިވެއެވެ.

ބެންޒެމާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެން ނިންމީ ފްރާންސް ޓީމަށް އެއީ އެންމެ ރަނގަޅު ނިންމުމަށް ކަމަށްވާތީ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި އެއްވެސް ކަމަކަށް ނޫނެކޭ ބުނެފައެއް ނުވާނެ. ނަމަވެސް އަހަރެން މި ވިސްނަނީ ޓީމާ ދޭތެރޭ. އަހަރެންގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ފްރާންސް ޓީމަށް ގެނައުން މުހިއްމު. ސަޕޯޓަރުން ދެމުން އަންނަ ތައުރީފަށް ޝުކުރު އަދާކުރަން" ބެންޒެމާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ގަތަރުގައި މިއަހަރު ކުޅޭ ވޯލްޑް ކަޕަކީ އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕް ގެއްލުން އެއީ އޭނާއަށް ބޮޑު ހިތްދަތިކަމެއް ލިބޭނެ ކަމެކެވެ.

އެންމެ ފަހުގެ ބެލަންޑޯ އެވޯޑް ކާމިޔާބު ކުރި ބެންޒެމާގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުގައި އަނިޔާގެ ސަބަބުން ޕައުލް ޕޮގުބާ އަދި އެންގޯލޯ ކަންޓޭއަށް ވެސް ނުކުޅެވެއެވެ.

ވޯލްޑް ކަޕަށް ފްރާންސް އިން އެކުލަވާލި ސްކޮޑުން ފަހު ވަގުތު ބެންޒެމާ ވަކިވާން ޖެހުނުއިރު އޭނާ ވަނީ މިހާތަނަށް ފްރާންސް އަށް ކުޅެދިން 97 މެޗުން 37 ލަނޑު ޖަހާފައެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި އޮސްޓްރޭލިއާގެ އިތުރުން ޓިއުނީޝިއާއެވެ. ފްރާންސްއިން ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއެވެ.