ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަން ޗެލްސީގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އެ ކްލަބަށް އަންގައިފިއެވެ.

އުމުރުން 26 އަހަރުގެ ކޯޓުއާ ޗެލްސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އޮތްއިރު އެ ކްލަބުން ވަނީ އޭނާ އަށް އާ ކޮންޓްރެކްޓެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް ކޯޓުއާ ނުގެން ގުޅޭއިރު އޭނާ ގެންނަން ރެއާލް އިން ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ. ނަމަވެސް ޗެލްސީން ކޯޓުއާ ދޫކޮށްލާނީ އޭނާގެ ބަދަލުގައި ކީޕަރެއް ލިބުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޯޓުއާ ގެންނަން ރެއާލް އިން މަސައްކަތް ކުރާއިރު ކޯޓުއާގެ އެޖެންޓް ކްރިސްޓޮފް ހެންރޮޓޭ ބުނީ ޗެލްސީ ދޫކޮށް ރެއާލް އަށް ބަދަލުވާން ބޭނުންވާކަން ކޯޓުއާ ޗެލްސީ އަށް އަންގާފައިވާ ކަމަށާއި މިއީ އޭނާގެ ކުދިންގެ ގާތުގައި ހުންނަން ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށެވެ. އަދި ރެއާލް އިން މިހާރު ކޯޓުއާ ގެނައުމަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޯޓުއާ އާއި އޭނާގެ ލޯބިވެރިޔާ މާތާ ޑޮމިނިގޭޒް ވަކިވެފައިވާއިރު އެ ދެ މީހުންނަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ.

"ކޯޓުއާ ޗެލްސީ ދޫކޮށްލަން އުޅޭތީ އެކަމާ ދެރަވާނެ ފަރާތްތަކެއް ތިބޭނެކަން އަހަންނަށް ވެސް އިނގޭ. އެކަން އަހަރުމެން ބަލައިގަންނަން. ކޯޓުއާ މި ނިންމުން ނިންމާފައިވަނީ ކުދިންގެ ގާތުގައި ހުރުމަށް" ހެންރޮޓޭ ބުންޏެވެ.

ކޯޓުއާ ރެއާލް އަށް ބަދަލުވާން އުޅެނީ ފައިސާއަށްޓަކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ވެސް އޭނާގެ އެޖެންޓް ވަނީ ދޮގުކޮށްފައެވެ. އެގޮތުން ރެއާލް އަށް ވުރެ މާ ރަނގަޅު ހުށަހެޅުމެއް ކޯޓުއާ ލިބުނު ކަމަށާއި ނަމަވެސް އެ ހުށަހެޅުމަށް އޭނާ ނޫނެކޭ ބުނެފައިވާ ކަމަށް ހެންރޮޓޭ ބުންޏެވެ.

"މިއީ ފައިސާ އަށްވުރެ ވެސް މާބޮޑު ނިންމުމެއް" ކޯޓުއާގެ އެޖެންޓް ބުންޏެވެ.

ބެލްޖިއަމް އަށް އުފަން ކޯޓުއާ ވަނީ ޕްރިމިއާ ލީގުގައި ޗެލްސީ އަށް 126 މެޗު ކުޅެދީ ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.