ސެނެގާލް އާއި އިކުއެޑޯ މީގެކުރިން ބައްދަލު ކުރި ދެ ފަހަރު ވެސް މޮޅުވެފައި ވަނީ ސެނެގާލްއެވެ. މެއި 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ސެނަގާލް 1-0 އިން މޮޅުވި އިރު، ޑިސެމްބަރު 2005 ގައި ކުޅުނު އެކުވެރިކަމުގެ މެޗުން ސެނެގާލް މޮޅުވީ 2-1 އިންނެވެ.

މިއީ އިކުއެޑޯ އިން އެފްރިކާގެ ގައުމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗެވެ. ސެނެގާލް އަށް ދެކުނު އެމެރިކާގެ ގައުމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅެ މޮޅުވެވިފައެއް ނުވެއެވެ. އެގޮތުން 2002 ގައި އުރުގުއާއީ އަތުން 3-3 އިން އެއްވަރުވިއިރު، 2018 ގައި ކޮލަމްބިއާ އަތުން 1-0 އިން ބަލިވިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އިކުއެޑޯ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ 2-0 އިން ގަތަރު ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ނެދަލެންޑްސްއާ ކުޅެ 1-1 އިން ވަނީ އެއްވަރުކޮށްފައެވެ. ސެނެގާލް ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ނެދަލެންޑްސް އަތުން ބަލިވި އިރު، ދެވަނަ މެޗުގައި ސެނެގާލް އިން ވަނީ 3-1 އިން ގަތަރު ބަލިކޮށްފައެވެ.

އިކުއެޑޯ އާއި ސެނެގާލް މިރޭ ނުކުންނަ އިރު، ދެ ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އިކުއެޑޯ އިން ސެނެގާލް އާ އެއް ވަރުކޮށްލައިގެން ވެސް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެއެވެ. ސެނެގާލް އިން ދެވަނަ ބުރަށް ދާން ބޭނުން ނަމަ، އިކުއެޑޯ ބަލި ކުރަން ޖެހޭނެއެވެ.

އިކުއެޑޯ ދެވަނަ ބުރަށް ގޮސްފި ނަމަ، އެއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕް މުބާރާތެއްގެ ދެވަނަ ބުރަށް ދަތުރު ކުރާ ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ދެވަނަ ބުރަށް ދިޔައީ 2006 ގައެވެ.

މިއީ އިކުއެޑޯ ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާއިރު އިކުއެޑޯ އޮތީ އެންމެ ފަހުގެ ރޭންކިންގެ 44 ވަނައިގައެވެ

ވޯލްޑް ކަޕްގައި އިކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރު ދެވަނަ ބުރަށް ދަތުރުކުރުމެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރީކާ އާއި ޕޮލެންޑް ބަލިކުރިއެވެ. ދެވަނަ ބުރުގައި ކެޓީ އިންގްލެންޑް އަތުން 1-0 އިން ބަލިވެގެންނެވެ.

ސެނެގާލްއަކީ އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނެވެ. ސެނެގާލް މުބާރާތް ކާމިޔާބުކޮށްފައި ވަނީ ފައިނަލްގައި މިސްރު ބަދަލު ކުރުމަށް ފަހުގައެވެ.

ސެނެގާލްގެ ލަފާ ކުރެވޭ ފުރަތަމަ 11:

މެންޑީ، ސަބަލީ، ސިސޭ، ކުލިބަލީ، އެން ޑިއާޔޭ، ޕީއެމް ސާ، އެން މެންޑީ، ގުޔޭ، އައި ސާ، ޑިއާ، ޑިއާޓާ

އިކުއެޑޯގެ ލަފާކުރެވޭ ފުރަތަމަ 11:

މިކެއިލް އެސްޓްރަޑާ، އެނާ ވެލެންސިއާ، ގައިސެޑޯ، އަލަން ފްރޭންސްކޯ، ގޮންޒަލޯ ޕްލާޓާ، ކާލޮސް ގްރޫޒޯ، އެސްޓުޕިނަން، ޕިއެރޯ ހިންކެޕީ، ފީލިކްސް ޓޮރެސް، ޕްރެޝިއާޑޯ، ހާނަން އިސްމައިލް ގަލިންޑޭޒް

އިކުއެޑޯ - އެނާ ވެލެންސިއާ

އެނާ ވެލެންސިއާ.

އިކުއެޑޯ ޓީމުގެ މިފަހަރުގެ ރޫހަކީ ކެޕްޓަން އެނާ ވެލެންސިއާއެވެ. ފެނަބާޗޭ އަށް ކުޅެމުން އަންނަ އިކުއެޑޯގެ ފޯވާޑް މި ވޯލްޑް ކަޕްގައި ވަނީ ތިން ލަނޑު ޖަހައިފައެވެ. އެކަމަކު، އެންމެ ފަހުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާ އަށް އަނިޔާވެގެން ދަނޑުން ބާލާފައިވެއެވެ.

އެހެންކަމުން، އޭނާ މި މެޗުގައި ކުޅެވިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފެނަބާޗޭ އަށް މި ސީޒަންގައި ވެލެންސިއާ ކުޅެދިން 22 މެޗުގައި އޭނާ ވަނީ 15 ލަނޑު ޖަހައިފައެވެ. އޭނާ ފާހަގަވެފައި މިވަނީ ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.

އޭނާއަކީ އިކުއެޑޯ އަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ ޖުމްލަ ހަ ގޯލް ޖަހައި ދީފައެވެ. އުމުރުން 33 އަހަރުގެ ވެލެންސިއާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ.

ސެނެގާލް - އިސްމާއިލް ސާ

އިސްމާއިލް ސާ.

މިދިޔަ ޕްރިމިއާ ލީގުގައި ވަޓްފޯޑަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އިސްމާއިލް ސާއެވެ. އެކަމަކު، ވަޓްފޯޑް ވެފައި ވަނީ ލީގުގައި ރެލިގޭޓްވި ތިން ޓީމުގެ ތެރެއިން އެއް ޓީމަށެވެ. ސާ ނަގަން ޖެހުނީ އޭނާއަކީ އިދިކޮޅު ގޯލަށް ނުރައްކާ ކުރާ ކުޅުންތެރިއަކަށްވެފައި، އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއަކަށްވުމުންނެވެ.

އުމުރުން 24 އަހަރުގެ ސާ ވަނީ ސެނެގާލްގެ ސީނިއާ ގައުމީ ޓީމަށް 48 މެޗު ކުޅެދީ 10 ގޯލް ޖަހައިފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ވަޓްފޯޑަށް ކުޅެދިން 105 މެޗުގައި 29 ލަނޑު ޖެހިފައެވެ.

ސެނެގާލް އާއި ނެދަލެންޑްސް މިހާތަނަށް އައިއިރު ބައްދަލުކޮށްފައެއް ނުވެއެވެ.

ސެނެގާލް އާއި އިކުއެޑޯ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ އަށެއް ޖަހާއިރުއެވެ.