މި އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި މިރޭ ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ބައްދަލު ކުރާނީ އިންގްލެންޑާއި ސެނެގާލްއެވެ.

އިންގްލެންޑު ދެވަނަ ބުރަށް ގޮސްފައި ވަނީ ގުރޫޕް ބީ ގެ އެއްވަނައިގައި އޮވެގެންނެވެ. އަދި ސެނެގާލް ދެވަނަ ބުރަށް ގޮސްފައިވަނީ ނެދަލެންޑްސްގެ ފަހަތުން ގުރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ.

ގުރޫޕް ސްޓޭޖުގައި އިންގްލެންޑް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އީރާނާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑު ވަނީ ވޭލްސްއާއި ބައްދަލުކޮށް 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިންގްލެންޑު ވަނީ ހަތް ޕޮއިންޓާއެކު ގުރޫޕް ބީ ގެ އެއް ވަނަ ހޯދާފައެވެ.

މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި އިންގްލެންޑް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ޔޫރޯ 2020 ގައި އެމީހުން ވަނީ ފައިނަލަށް ގޮސްފައެވެ. އިންގްލެންޑު ވޯލްޑްކަޕަށް ކޮލިފައިވި 15 ފަހަރުގެ ތެރެއިން ނުވަ ފަހަރު ވަނީ ދެވަނަ ބުރު ކަޑައްތުކޮށް ކުއާޓަރ ފައިނަލަށް ގޮސްފައެވެ. ނަމަވެސް 1966 ވަނަ އަހަރު ވޯލްޑްކަޕްގެ ތަށި ހޯދިފަހުން އެ ކާމިޔާބީއާ ހަމައަށް އިންގްލެންޑަށް ދެވިފައެއް ނުވެއެވެ.

ވޭލްސްއާއި ބައްދަލުކުރި މެޗުގައި ފިލް ފޮޑެން އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދެނީ ---ފޮޓޯ: ރޮއިޓާސް

އިންގްލެންޑުން އެފްރިކާގެ ގައުމުތަކާއި ބައްދަލުކުރި 21 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އޭގެ ތެރެއިން ހަތް މެޗަކީ ވޯލްޑްކަޕުގައި ކުޅެވުނު ހަތް މެޗެވެ. އެހެންކަމާއެކު މި މެޗުގައި އިންގްލެންޑަކީ ގިނަ ބައެއްގެ ފޭވަރިޓެވެ.

ނަމަވެސް މިފަހަރުގެ ވޯލްޑްކަޕުގައި ވަރަށް ހީވެސް ނުކުރާ ކަހަލަ ނަތީޖާތަކެއް މިހާތަނަށްވެސް ވަނީ ފެނިގެންގޮސްފައެވެ. އެހެންކަމާއެކު މި މެޗުގެ ނަތީޖާވެސް އެނގިގެންދާނީ މިރެއެވެ.

ސެނެގާލް ގުރޫޕް ސްޓޭޖުގައި ފުރަތަމަ ބައްދަލުކުރީ ނެދަލެންޑްސްއާއެވެ. މި މެޗުން 2-0 ގެ ނަތީޖާއަކުން ސެނެގާލް ބަލިވިއިރު ދެވަނަ މެޗުގައި ސެނެގާލް އިން ވަނީ 3-1 އިން ގަތަރު ބަލިކޮށްފައެވެ. އަދި މޮޅުވި ޓީމެއް ދެވަނަ ބުރަށް ދާގޮތަށް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިކުއެޑޯ އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ ސެނެގާލް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މިއީ ސެނެގާލް ވޯލްޑްކަޕަށް ކޮލިފައިވި ތިން ވަނަ ފަހަރެވެ. އޭގެ ތެރޭން 2002 ވަނަ އަހަރު އެގައުމު ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2018 ވަނަ އަހަރު ސެނެގާލް ވެފައިވަނީ ވޯލްޑްކަޕްގެ ތާރީހުގައިވެސް ޕޮއިންޓާއި ގޯލާއި އެއްވަރުވެގެން ފެއާ ޕްލޭ އުސޫލުގެ ދަށުން ގުރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ގައުމަށެވެ.

އިކުއެޑޯއާއި ބައްދަލުކުރި މެޗުގައި ކުލިބަލީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ސެނެގާލްއަކީ އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނެވެ. ސެނެގާލް މުބާރާތް ކާމިޔާބުކޮށްފައި ވަނީ ފައިނަލްގައި މިސްރާއި ބަދަލު ކުރުމަށް ފަހުގައެވެ. ނަމަވެސް ވޯލްޑްކަޕްގެ ގަދަ 16 ގައި މިހާތަނަށް އެފްރިކާގެ ޓީމްތަކާއި ޔޫރަޕްގެ ޓީމުތައް ބައްދަލުކުރި ނުވަ މެޗުގެ ތެރެއިން އަށް މެޗުން އެފްރިކާގެ ޓީމުތައް ވަނީ ބަލިވެފައެވެ. ނަމަވެސް މޮޅުވި އެއް މެޗު ކާމިޔާބުކޮށްފައިވަނީ ސްވިޑެންއާއި ބައްދަލުކޮށް ސެނެގާލް އިންނެވެ.

އިންގްލެންޑުގެ ލަފާކުރެވޭ ފުރަތަމަ 11 : ޕިކްފޯޑް، ވޯކާރ، ސްޓޯންސް، މެގުއަޔާ، ޝޯ، ރައިސް، ހެންޑާސަން، ބެލިންގްހަމް، ރަޝްފޯޑް، ކޭން، ފޯޑެން

ސެނެގާލްގެ ލަފާކުރެވޭ ފުރަތަމަ 11: އީ މެންޑީ، ސަބަލީ، ކުލިބަލީ، ޑިއަލޯ، ޖޭކޮބްސް، ގުޔޭ، އެން މެންޑީ، ސިސޭ، ޑިއަޔޭ، ޑިއާ، ސާ

މިއީ އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުޓްސް

    އެމެރިކާވެސްކަ ޓައިފި

  2. ޙަބީބު.މ

    މިރޭއިރާދަ ކުރެއްވިއްޔާ ތިޔަ ަަނގިރޭސިންގެ ޒަމާންވެސް ދާނެ ރޭގަވަނީ އެމެރިކާވެސް ކުނަލާ ބާލިސް ބަނދެ ފުރަން ތައްޔާރުވެފަ އުންމީދަކީ ދުވަހަކުވެސް މޮޅުނުވުން އެއީ ރެއިންބޯ ކުލަބުތައްi

    2
    1
    • 🌈

      އޭ ދައްވަނީ ރެއިންބޯ ވީމާކުނޫން ކޮޔަފުޅާ