ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖާއޯ ކަންސެލޯ ފުރަތަމަ 11 ގައި ނުހިމަނާ ބެންޗުގައި ބައިންދައިފިއެވެ.

ރޮނާލްޑޯ 37, ގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނީ ބެންފީކާ އަށް ކުޅޭ ފޯވާޑް ގޮންސާލޯ ރާމޯސްއެވެ. ގަދަ 16 ގައި ސްވިޒަލޭންޑް ބަލިކޮށް ޕޯޗުގަލް އިން ހޯދި ބޮޑު މޮޅުގައި އެންމެ ފާހަގަކޮށްލެވުނީ އުމުރުން 21 އަހަރުގެ ގޮންޒާލޯ ރާމޯސް ހެޓްރިކް ހެދުމެވެ.

ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ޒުވާން ފޯވާޑް، ރާމޯސް އަށް ފުރުސަތު ދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބޭންދުމަށް ފަހު އެވެ. މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނީ ރޮނާލްޑޯ ބެންޗުގައި ބައިންދާ ވާހަކައެވެ. ބަދަލުގައި އެރި ރާމޯސް ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ދުނިޔޭގެ މީޑިއާގެ ސަމާލުކަން އޭނާ އަށް ވަނީ ހުއްޓިފައެވެ. ރާމޯސް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ހެޓްރިކް ފުރަތަމަ ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ގޯލު ޖެހި ޕޯޗުގަލްގެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ސަންޓޯސް ބުނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާހަކަދެއްކި ކަމަށާއި، މެޗުގެ ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމަނަން ނިންމި ވާހަކަވެސް ބުނިކަމަށެވެ. އޭނާ ބުނީ އެ ދުވަހުވެސް ރޮނާލްޑޯއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ކިޔައިދީފައި ވާނެކަމަށާއި، ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމަނަން ނިންމި ސަބަބުވެސް ސާފުކޮށްދިން ކަމަށެވެ. ސަންޓޯސް ބުނީ އެ ވާހަކަ ބުނި ވަގުތު ރޮނާލްޑޯގެ ފަރާތުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނު ނަމަވެސް، ފަހުން ސަބަބު ތަފްސީލްކޮށްދިނުމުން ރޮނާލްޑޯވެސް އެކަމަށް "އާނ ބަސް" ބުނިކަމަށެވެ. އޭނާ ބުނީ އެ ގޮތަށް ދިމާވަން ޖެހުނު ސަބަބުވެސް އެނގޭ ކަމަށެވެ. އެއީ ރޮނާލްޑޯ ކަހަލަ، އަބަދު ޓީމުގެ ފުރަތަމަ 11ން ޖާގަ ލިބޭ ކުޅުންތެރިއަކު މެޗަކަށް ނުވަތަ ދެ މެޗަކަށް ބެންޗުގައި އިންނަން ޖެހުމުން ވާނެ ގޮތެއް ކަަމަށެވެ.

ސްވިޒަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން ފޮޓޯ / ގެޓީ އިމޭޖެސް

މީގެ އިތުރުން ސަންޓޯސް ބުނީ ރޮނާލްޑޯއަކީ ޕޯޗުގަލަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ރޮނާލްޑޯ އެކި ފަހަރު މަތިން ސާފުކޮށްދީފައި ވާނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯއަކީ ޕޯޗުގަލްގެ ކެޕްޓަން ކަމަށާއި، ޓީމުގައި ރޮނާލްޑޯގެ ދައުރު އަބަދުވެސް ބޮޑު ވާނެ ކަމަށެވެ. އޭނާ ބުނީ މިވަގުތު ނޫސްވެރިންވެެސް ރޮނާލްޑޯ އެކަނި ދޫކޮށްލަން ޖެހޭ ކަމަށާއި، ސަބަބަކީ ރޮނާލްޑޯ ޕޯޗުގަލްގެ ފުޓުބޯޅައަށް ކޮށްދީފައިވާ ކަންކަމުން ކަމަށެވެ.

ފުޓުބޯޅައިގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނާގޮތުގައި މެންޗެސްޓާ ސިޓީއަށް އެންމެ ގިނަ ކްލީންޝީޓް ހޯދައިދިނުމުގައި ހަރަކާތްތެރިވި ޖާއޯ ކަންސެލޯ ވަނީ ބެންޗުގައި ބޭންދުމަށް ނިންމައިފައެވެ. ކަންސެލޯގެ ބަދަލުގައި ކުޅެން އަރާނީ ރަފައެލް ގަރައެރޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމިއްޔާ

    ރާއްޖެ އަޅުވެތިކޮށްގެން އުޅުނު ޕޯޗުގީޒުންނަކަށް އަހަރުމެންގެ ސަޕޯޓެއް ނެތް. އޭގެ ބަދަލުގަ ރާއްޖެއަަށް އިސްލާމްދީން ގެނެސްދިން މަޣްރިބްކަރަ (މޮރޮކޯ) އަށ ސަޕޯޓް ކުރާނީ. މޮޅުވުމާ ބަލިވުން އެއީ ފުޓުބޯޅައިގެ އާދަ. އުއްމީދަކީ މޮރޮކޯއަށް ކާމިޔާބު.

    18
    3
  2. ޢަބްދުﷲ

    ރޮނާލްޑޯ ކުޅެން އަރައި ޓީމުވެސް ކެޓީ

    3
    1