ފީފާ ވޯލްޑް ކަޕުގައި 1-0ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، މޮރޮކޯ ސެމީއަށް ދަތުރު ކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މި މޮޅާއެކު މޮރޮކޯ އިން ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ގައުމުގެ ރެކޯޑް ވެސް ހަދާފައެވެ. މީގެކުރިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު އެފްރިކާގެ އެއްވެސް ޓީމަކަށް ސެމީއަކަށް ނުދެވެއެވެ. އެގޮތުން 1990 ގައި ކެމަރޫން، 2002 ގައި ސެނެގާލް، 2010 ގައި ގާނާ ވެސް ސެމީއަށް ނުގޮސް ކެޓީއެވެ.

މިއީ ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު ތިން ވަނަ ފަހަރެވެ. މީގެކުރިން ޕޯޗުގަލް ކުއާޓާ ފައިނަލްގައި ކުޅުނު ދެ ފަހަރު ވެސް މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ. އެގޮތުން 1966 ގައި ޑީޕީއާރު ކޮރެއާ އާ ކުޅެ 5-3 އިން މޮޅުވިއިރު، 2006 ގައި އިންގްލެންޑް ޕެނަލްޓީ ޝޫޓުގައި 3-1 އިން ބަލި ކުރިއެވެ.

މޮރޮކޯ މިރޭގެ މެޗަށް ނިކުތްއިރު، މިހާތަނަށް އެޓީމު މި މުބާރާތުގެ މެޗެއްގައި ބަލިވެފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާ 0-0 އިން އެއްވަރު ކުރިއިރު، މޮރޮކޯ އިން ވަނީ ބެލްޖިއަމް އާ ކުޅެ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ކެނެޑާ އާ ކުޅެ 2-1 އިން މޮރޮކޯ މޮޅުވެފައިވެއެވެ. މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވަނީ ޕެނަލްޓީގައި ސްޕެއިން ބަލި ކުރުމަށް ފަހުގައެވެ.

މިރޭގެ މެޗު ފަށައިގެން ޕޯޗުގަލް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޮރޮކޯގެ އަޝްރަފް ހަކީމީގެ އިތުރުން ރޮމައިން ސައިސް ވަނީ މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭގައި ޕޯޗުގަލް އިން ހަމަލާއެއް އުފެއްދިޔަ ނުދީ ބްލޮކްކޮށްފައެވެ.

ޕޯޗުގަލް އިން މެޗު ފެށީ ވެސް އެޓީމުގެ އެންމެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޑިފެންޑަރު ޖާއޯ ކަންސެލޯ ބެންޗުގައި ބާންދައިގެންނެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ޖާއޯ ފީލިކްސް ވަނީ ގިނަ ނުރައްކާތެރި އުފައްދާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ފީލިކްސް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް އަޝްރަފް ހަކީމީގެ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މޮރޮކޯގެ ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ސޮފްޔާން އަމްރަބަޓް ދިން ޕާހަކުން ހަކީމް ޒިޔެޗް ބޮލުން ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މި މެޗުގައި މޮރޮކޯއަށް ލީޑު ނަގައިދިނީ ޔޫސުފް އެން ނެސީރީއެވެ. މިއީ މެޗުގެ 42 ވަނަ މިނެޓުގައި ޔާހިއާ އައްތިޔަތު ނަގައިދިން ހުރަހަކުން އެން ނެސީރީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެކެވެ. ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މޮރޮކޯގެ އެން ނެސީރީ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ ފޮޓޯ / ގެޓީ އިމޭޖެސް

ދެވަނަ ހާފު ފަށައިގެން އައި އިރު މޮރޮކޯ އިން ފެނުނީ އެއް ގޯލުގެ ލީޑެއްގައި އޮތުމާއެކު ޑިފެންސިވް ގޭމެއް ކުޅުނު މަންޒަރެވެ. ޕޯޗުގަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ކައުންޓާ އެޓޭކް ތަކެއް ވަނީ ހަދާފައެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ މޮރޮކޯގެ އިތުބާރު ކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ. 61 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮނަލްޑޯ އަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލަން އުޅުނު ހަމަލާ މޮރޮކޯގެ ޑިފެންޑަރު އެލް ޔާމިގް ވަނީ ބޭރުކޮށްލައިފައެވެ.

މޮރޮކޯ އާއި ޕޯޗުގަލް ބައްދަލު ކުރި މެޗުގެ ތެރެއިން ފޮޓޯ / ގެޓީ އިމޭޖެސް

ޕޯޗުގަލްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ 78 ވަނަ މިނެޓުގައެވެ. މިއީ ރޮނަލްޑޯ ދިން ޕާހަކުން ފީލިކްސް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައެކެވެ. ނަމަވެސް މޮރޮކޯގެ ކީޕަރު ހުޝިޔާރު ކަމާއެކު އެހަމަލާ ވަނީ ދިފާއުކޮށްފައެވެ. 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ އެއް ވަނަ މިނެޓުގައި ރޮނަލްޑޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި މޮރޮކޯއަށް ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޒަކަރިއާ އަބޫހްލަލް އުފެއްދި ހަމަލާ ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އިތުރު ވަގުތުގެ އަށް މިނެޓު ކުޅުނު އިރު މޮރޮކޯ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށް 0-1 ގެ ނަތީޖާއިން މެޗު ނިންމާލުމަށްފަހު ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ.

މިއީ ޕޯޗުގަލް އާއި މޮރޮކޯ ބައްދަލު ކުރި ތިން ވަނަ މެޗެވެ. އެންމެ ފަހުން މި ދެ ޓީމު ވާދަކުރީ ވޯލްޑް ކަޕް މެޗެއްގައެވެ. އެގޮތުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މޮރޮކޯ 3-1 އިން މޮޅުވި އިރު، އެންމެ ފަހުން ބޭއްވި 2018 ގެ ވޯލްޑް ކަޕްގައި ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ.

ސެމީ ފައިނަލުގައި މޮރޮކޯ ބައްދަލު ކުރަން ޖެހޭނީ އިންގްލެންޑާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަލްޙަމްދުﷲ ޝުކުރު. ﷲ އަކުބަރު

    39
  2. މޮރޮކޯ

    މަރުހަބަ މޮރޮކޯ ރާއްޖެ މީހުން އުފާނުވާންވީ އެއްވެސް ސަބަބެއްނެތް ރާއްޖެ އިސްލާމްވީ މޮރޮކޯގެ ބޭކަލެއްގެ ސަބަބުން އެއީ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ ވަލީވެރިޔާ ސީދީ އަބުލްބަރަކާތު ޔޫސުފް އަލް ބަރުބަރީ ރަހްމަތުﷲޢަލައިހި

    40
  3. އަލީ އަޒްޔާން މުހައްމަދު

    ރޮނާލްޑޯގެ ޓީމް ބަލިވީމަ ވަރަށް ދެރަވެއްޖެ.މަރުހަބާ މޮރޮކޯ.

    33
    8
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    އިންސާނުންނަކީ އަބަދުވެސް މީހުންނިކަމެތިވާދުވަހު އެމީހުންގެފަރާތުން ކޮށްދީފައިވާ ހިދުމަތުގެމަތީން ހަނދާނައްތާލައި މީހުންނައް މަލާމާތާފުރައްސާރަކުރަމުންގެންދާބަޔެއް ރޮނާޑޯއަކީ ގައިރުމުސްލިމަކަސް މުސްލިމުއުންމަތުގެ ހާލުގަޖެހިފަވާ ފަލަސްތީން ސީރިޔާ އަދިވެސް އެތައް ބަޔަކަށް އޭނަގެ ތަނަވަސްކަމުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ޔާﷲރޮނާޑޯއާއޭނަގެ އާއިލާއަށް އިސްލާންދީނުގެ މަތިވެރި ހިދާޔަތުގެ ނޫރުދެއްވަވާދޭ އާމީން