ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ ކައިރިން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމުން ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވެސް ރާއްޖެ އަތުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިއާގޯ އައިސްފައިވަނީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ރިސޯޓެއް ކަމަށްވާ ނޫނު އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ އަށެވެ. ޗުއްޓީ ހޭދަކުރުމަށް ތިއާގޯ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިދިޔަ ހުކުރު ދުވަހު ކްރޮއޭޝިއާ ކައިރިން ބްރެޒިލް ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ.

އުމުރުން 37 އަހަރުގެ ތިއާގޯ ސިލްވާ އަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މޮޅު ސެންޓަރ ބެކުންގެ ތެރޭގައި ގުނާލެވޭ ޑިފެންޑަރެކެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ރަނގަޅަށް ޑިފެންސްކޮށް އިދިކޮޅު ޓީމުތަކުން އުފައްދަން އުޅުނު ހަމަލާތަކެއް ބްލޮކް ކޮށްދީފައެވެ.

ގިނަ ސީޒަންތަކެއް ވާންދެން ޕީއެސްޖީއަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ޗެލްސީއަށް ތިއާގޯ ސިލްވާއަކީ އެ ކްލަބްގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. މި ސީޒަންގައި ޗެލްސީއަށް 10 މެޗު ކުޅެދީ 2 އެސިސްޓް ވެސް އޭނާ ވަނީ ހަދާފައެވެ. ތިއާގޯ ސިލްވާ ވަނީ މިހާތަނަށް ބްރެޒިލް ޓީމަށް 115 މެޗު ކުޅެދީފައެވެ.

ތިއާގޯގެ އިތުރުން މިއަދުގެ ވަގުތެއްގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާ ޖޫނިއާ ވެސް ވަނީ ރާއްޖެ އައިސްފައެވެ. ނޭމާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ކުރަމަތި ރިސޯޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ގަތަރުގައި މިހާރު ކުޅެމުން އަންނަ ވޯލްޑްކަޕްގެ މެޗުތަކުން ބަލިވާ ޓީމުގެ ބައެއް ކުޅުންތެރިން ރާއްޖެ އައިސްފައިވެއެވެ. މިމަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއައިސްފައިވާއިރު، ވޯލްޑްކަޕް ނިންމާލުމަށްފަހު ރާއްޖެއަށް އިތުރު ކުޅުންތެރިން އަންނާނެ ކަމަށް ބެލެއެވެ.