ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެއް ރިސޯޓް ކަމަށްވާ ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގީ ރިސޯޓްގެ ވޯޓަރ ވިލާއެއްގައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރިސޯޓްގެ މޫދުގައި ހަދާފައި ހުރި މޫދު ކޮޓަރިއެއްގައިކަމަށެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނައިފަރުގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ރިސޯޓަށް ގޮސްފައި ވެއެވެ.

ސޮނޭވާގެ ވެރިޔާ ސޯނޫ ކުރި ޓްވީޓެއްގައި ބުނީ ސޮނޭވާ ޖާނީގެ ވޯޓާ ވިލާއެއްގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަލިފާން ރޯވި ވޯޓާ ވިލާ އަކީ މީހަކު ހުރި ތަނެއް ނޫން ކަމަށެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދަން ތަހްގީގު ކުރިއަށްދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާން ރޯވީ ސޮނޭވާ ޖާނީގެ ވޯޓާވިލާތަކުގެ ތެރެއިން ކިތައް ކޮޓަރީގެ ވޯޓާވިލާއެއްގައި ކަމެއް އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. އެރިސޯޓްގައި ދެކޮޓަރީގެ ވޯޓާވިލާ އާއި އެއްކޮޓަރީގެ ވޯޓާވިލާ ހުރެއެވެ. ސޮނޭވާ ޖާނީގެ އެއްކޮޓަރީގެ ވޯޓާވިލާއެއްގައި ހަފްތާއެއްހައި ދުވަހު ޗުއްޓީ ހޭދަކޮށްލަން ދޮޅު މިލިއަން ރުފިޔާ އަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.