ޅ.ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ރޭ ފަތިހު އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯވެފައި ވަނީ ކައިރިކައިރީގައި އަޅާފައި އޮތް ތިން ލޯންޗެއް ކަމަށެވެ. "ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން އަލިފާނުގެ ހާދިސާގެ ތަހްގީގު ކުރިއަށް އެބަދޭ. އަލިފާން ރޯވީ ބަޔަކު ރޯކޮށްލުމުން ކަމެއް ނުވަތަ ޝޯޓަކުން ރޯވީ ކަމެއް އަދި ނޭނގޭ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރޯވެފައިވާ ލޯންޗްތަކަކީ ވަރަށް ކުދިކުދި ލޯންޗްތަކެކެވެ. އިންޖީނާއިއެކު ލޯންޗްތަކުގެ މަތި ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. ލޯންޗްތަކުގައި ރޯވުމުން ލިބުނު ގެއްލުންތައް ބައި މިލިއަނަށް އަރާނެ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އިންޖީންތަކުގެ އަގު އުޅޭނީ ލައްކަ އިން މަތީގައި. އެހެންވީމަ މިއީ ވަރަށް ބޮޑު ގެއްލުމެއް." އޭނާ ބުންޏެވެ.

ނައިފަރުގައި ހުންނަ ކުދި ލޯންޗްތައް މަސްވެރިކަން ކުރުމުގެ އިތުރުން ކައިރީގައި އޮންނަ މަޑިވަރު އެއާޕޯޓަށް ދަތުރު ކުރަން ވެސް ބައެއް މީހުން ބޭނުން ކުރެއެވެ.