ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ އަށް ވަންނަން އައި "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނުގެ ޑީސަލް ޓޭންކުގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޭ ދަންވަރު 03:51 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން 03:55 ހާއިރު އެ ސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފެށި ކަމަށެވެ.

މި ދޯނީގައި އަލިފާން ރޯވީ ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން މި ދޯނި ހުޅުމާލެ ބަނދަރަށް ވަންނަނިކޮށެވެ. މި ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވިއިރު، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާލައިފައެވެ.

މިގޮތުން މި ހާދިސާގައި ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަތަކެތީގައިވެސް ރޯވިއެވެ.

އަދި އަލިފާން ނިއްވަން ކުރި މަސައްކަތުން ރޭ 04:48 ހާއިރު ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.