ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާ އިން 3-0 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށްފި އެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ ސްޓޭޑިއަމް ބޯލާ ސެޕަކްގައި މިރޭ ކުޅުނު މެޗު ފަށައިގެން މެލޭޝިއާއިން އައީ ޓީމު ކުރިއަށް ޖައްސައިގެން ކުޅެ އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ މެލޭޝިއާ އިން 24 ވަނަ މިނެޓުގައެވެ. ރާއްޖޭގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއްގައި އޮފްސައިޑް ކަމަށް ނިންމައިގެން ހުރެ، ޑިފެންޑަރުން ދުއްވައިގަތް ވަގުތު، ރާއްޖޭގެ ޑިފެންޑަރު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ބޯޅަ ލިބުނީ މެލޭޝިއާގެ ޑަރެން ލޮކް އަށެވެ. އޭރު އެ ބޯޅަ ހޯދަން ކީޕަރު ހުސެން ވެސް އަރަައި ހުރުމުން، ލޮކް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިރޭ ކުރިއަށްދިޔަ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗްގެ ތެރެއިން - ފޮޓޯ: ނޭޝަނަލް ފުޓްބޯޅަ ޓީމް

މެޗުގެ 30 ވަނަ މިނެޓުގައި ރާއްޖެ ޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.ރާއްޖޭން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނިޓަށް ފަހު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި މިރާޝް އިމްތިޔާޒް ކުޅެން އަރުވައިފަ އެވެ. މިރާޝް އަކީ ސްޕެއިންގެ ހަތަރު ވަަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މެލޭޝިއާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއަށް ހުސްކޮށް ވަދެ، މެލޭޝިއާގެ މުހައްމަދު ފައިސަލް ހަލީމް ޖެހި ގޯލެކެވެ. އޭގެ 9 މިނެޓު ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒުވާ ގޮތެއް ނުވިއެވެ. މެލޭޝިއާގެ ތިން ވަނަ ލަނޑު ޖެހީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މެލޭޝިއާގެ ސާޖިއޯ އަގުއެރޯ ނެގި ހުރަހަކަށް އަރައި، ޓަކް ލީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނެވެ.

ރާއްޖޭން ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި ތިން ދުވަސް ފަހުން ބައްދަލުކުރާނީ ސިންގަޕޫރާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ނޫނީ ކުޅެ ކުޅެ ބޯޅަ ދަސް ނުވި ބަޔެއް ނެތް މި ދުނިޔޭގަ.

    29
    1
  2. ގައްބެ

    ގައުމީ ޓީމު ފޮނުވަންވީ މަހަށް…..

    23
    2
  3. ޖޮބޭ

    މިވަރުގެ ބަޔަކު ދުނިޔޭގަވެސް ނުތިބޭނެ އެހާ މޮޅުވާނެ ލަދުވެސް ނުގަންނަ ބައެއް މިމީހުން ނޫނީ ނުތިބޭނެ.
    ބޯދިގު ހަސަނާ ބިގަރު ހަސަނާ ކަތި ދޮންފުތާ މީިދެން ކޮންހާ ގޮތެއް ކޮން ބަޔަކަަށް ދެއްކެންތަ.

  4. އަލްޖިބްރާ

    ޤައުމީ ޓީމު މަހަށް ފޮނުވިއަސް ނުބޭނިއްޖެނަމަ ނުބައިވާނީ ކަޑު !