އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި 0-1 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށްފިއެވެ.

އުޒްބަކިސްތާނުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައިވަނީ ރާއްޖެއިންނެވެ. މިގޮތުން ރާއްޖެއިން ދިޔައީ ލަންކާގެ ހާފަށް ބާރުބޮޑުކޮށް، ލިބޭ ފުރުސަތުތަކުގައި އެޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ފުރަތަމަ ހާފްގައި ވަރަށް ބޮޑަށް ޑިފެންސިވްކޮށް ފެނުނު ލަންކާއިން ކުރިޔަށް ޖެހި އެޓޭކްތައް ކުރަން ފަށާފައި ވަނީ ހާފްގެ ފަހުކޮޅުއެވެ. ނަމަވެސް އެޓީމަށް ރާއްޖޭގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން ރާއްޖެއިން ދިޔައީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށް ހަމަލާތައް ގިނަ ކުރަމުންނެވެ. މިގޮތުން ލީޑު ނެގުމަށް ރާއްޖެއަށް ވަނީ ފުރުސަތުތަކެއްވެސް ލިބި ބޭކާރުވެފައެވެ.

ރާއްޖެ އަދި ލަންކާ ބައްދަލުކުރި މެޗުގައި ރާއްޖެއިން ބޭނުންކުރި ފުރަތަމަ 11 -- ފޮޓޯ: އެފްއޭއެމް

ރާއްޖެއިން މެޗުގެ ލީޑު ނެގީ 63 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ވަނީ މި މެޗުގެ އިތުރުން ކޮލިފައިންގައި ރާއްޖެއިން އުޒްބަކިސްތާން އަދި ތައިލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖެއިން ލީޑު ނެގުމާއެކު ލަންކާއިން ވަނީ ކުރިޔަށް ޖެހި ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ލަންކާގެ ޑަ ސިލްވާ ފޮނުވާލި މި ޕެނަލްޓީ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ރާއްޖެއިން ކޮލިފައިން ބުރު ނިންމާލާފައި ވަނީ އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެންނެވެ. ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތައިލޭންޑް އަތުން 0-3 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އުޒްބަކިސްތާން އަތުން ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް "ސީ" އިން އޭޝިއަން ކަޕުން ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މިރޭ ތައިލޭންޑް އަދި އުޒްބަކިސްތާން ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްޓަލަ ކެފޭ

    ލަންކާ އަތުން މޮޅުވެ 3 ޕޮއިންޓު ލިބުނަސް ޓީމު އޮތީ މިހާރު ކަފުންވެފަ. މުބާރާތުން ކެޓީމަ ހަޑި. ބައްސާމު އިސްތިއުފާ

  2. ރަން ރީނދޫ

    ބަނޑަށް ޖެހިފަ އޮތް ބައެއްގެ އަތުންވެސް ކިރިޔާ ސަލާމަތްވީ. ކުޅެން ވީ ތާސް.