އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ތައިލޭންޑް އަތުން 0-3 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

އުޒްބަކިސްތާނުގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ "ގްރޫޕް ސީ" ގެ މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ތައިލޭންޑް އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ތައިލޭންޑް އިން މެޗުގެ ލީޑު ނެގީ ރާއްޖެއިން އެޓީމު ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، 40 ވަނަ މިނެޓުގައި ޔޫޔެން ކާމިޔާބުކުރި ލަނޑުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ ޑަންގްޑާ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް 0-2 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ތައިލޭންޑް ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ގޮސްފައި ވަނީ ތައިލޭންޑް އިންނެވެ.

ރާއްޖެ އަދި ތައިލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

މިގޮތުން ތައިލޭންޑް އިން ދިޔައީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ގިނަ އަދަދެއްގެ ފުރުސަތު ހޯދަމުންނެވެ. އެޓީމުން މެޗުގެ ތިން ވަނަ ލަނޑު ޖެހީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެމްވިބޫންއެވެ.

މި ނަތީޖާއާއެކު ތައިލޭންޑް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ސްރީލަންކާ އަދި އުޒްބަކިސްތާން ބައްދަލުކުރާ މެޗު އޮންނާނީ މިރޭއެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އުޒްބަކިސްތާނާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭއިރު، ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަށް މުބާރާތުން ސީދާ ޖާގަ ލިބޭއިރު، ހުރިހާ ގްރޫޕެއް މެދުގައި ދެވަނައަށްދާ އެންމެ މޮޅު ޓީމުތަކަށްވެސް މުބާރާތުން ޖާގަ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.