ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އެޓީމުގެ ކުޅުންތެރިންނާއި މެދު ފަޙުރުވެރިވާ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޕްރެސްގައި ނޫސްވެރިޔަކު ވަނީ އޭނާގެ ކުރިމަގާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވުމުން ކޯޗުކަމުގެ މަގާމުގައި އިތުރަށް ހުންނަން ބޭނުންވޭތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޑެޝޯމްޕްސް ބުނީ، މުބާރާތުގެ ތަށި ދިފާއުކޮށް ޗެމްޕިއަންކަން ލިބުނު ނަމަވެސް އެ ސުވާލުގެ ޖަވާބު ވަގުތުން ނުދޭނެ ކަމަށެވެ. އޭނާ ބުނީ މިވަގުތަކީ އޭނާ އަށް ވަރަށް ހިތްދަތި ވަގުތެއް ކަަމަށާއި، ހުރިހާ ކުޅުންތެެރިންނާނީ އެހެނިހެން ކޯޗިން ސްޓާފުން ވެސް ތިބީ އެ ހާލަތުގައި ކަމަށެވެ. ނަމަވެސް އައު އަހަރާ ދިމާކޮށް ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލީ ގްރައެޓާ ބައްދަލު ކުރާނެ ކަމަށާއި އޭނާގެ މުސްތަޤުބަލާމެދު ނިންމާ ގޮތެއް އިނގޭނީ އެއަށްފަހު ކަމަށެވެ.

އުމުރުން 54 އަހަރުގެ ޑެޝޯމްޕްސް ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. މީގެ އިތުރުން އެ ޤައުމު ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، މިއަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދާފައެވެ.

ޑެޝޯމްޕްސް ވަނީ 1989 އިން 2000 ވަނަ އަހަރާ ހަމަ އަށް ފްރާންސްގެ ޤައުމީ ޓީމަށް ކުޅެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ފްރާންސްއާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތާއި، 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.