ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކަރިމް ބެންޒީމާ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކޮށްފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑްގައި އެންމެ ފަހުން ބެލޮން ޑިއޯ އެވޯޑް ހާސިލްކޮށްފައިވާ ބެންޒެމާ ހިމަނާފައިވެއެވެ. އެކަމަކު، ފްރާންސާ އާއި އެކުގައި ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށް އޭނާ އަށް އަނިޔާވެގެން ވޯލްޑް ކަޕްގެ އެއްވެސް މެޗެއްގައި ނުކުޅެއެވެ.

ބެންޒީމާ އާއި ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ވަނީ އަޑުފެތުރިފައެވެ. ބެންޒީމާ ވޯލްޑްކަޕްގައި ނުކުޅުނު އަސްލު ސަބަބަކީ އެއީ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބެންޒީމާ ސްކޮޑުން ބާކީކޮށް ގައުމަށް ފޮނުވާލަން ކޯޗް ޑެޝޯމްޕްސް ނިންމީ ގްރޫޕް ސްޓޭޖްގެ މެޗްތަކަށް ފަހު އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ފްރާންސްގެ މެޑިކަލް ޓީމުން ދީފައި ވަނިކޮށެވެ.

ބެންޒީމާ މިރޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ލިޔުނު އޭނާގެ ވާހަކަ މިހިސާބުން ނިމުނީ ކަމަށެވެ.

ބެންޒީމާ ވަނީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 97 މެޗް ކުޅެދީ 37 ގޯލް ޖަހައި ދީފައެވެ.

އޭނާ ފުރަތަމަ ފްރާންސް ޓީމަށް ކުޅުނު މެޗަކީ 2007 ވަނަ އަހަރުގެ މާޗް މަހު އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑެއް ވެސް ޖެހިއެވެ. ބެންޒީމާ ފްރާންސް ޓީމާއިއެކު މުބާރާތަކަށް ނިކުތީ 2008 ވަނަ އަހަރު އެވެ. އެއަހަރުގެ ޔޫރޯ އަށް ނެގި ފްރާންސް ޓީމްގައި ހިމެނިގެން ބެންޒީމާ ކުޅުނު ނަމަވެސް ފްރާންސް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީއެވެ. އެމުބާރާތުގައި ބެންޒީމާ ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

2010 ވަނަ އަހަރުގެ ވޯލްޑްކަޕް ސްކޮޑުން ބެންޒީމާ ބާކީ ކުރީ ޖިންސީ ގޯނާގެ މައްސަލަ އެއް އޭނާ އާއި ދެކޮޅަށް ބަލަން ފެށުމުންނެވެ. 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރުސަތު ވެސް އޭނާ އަށް ގެއްލުނީ އެމައްސަލައިގެ ސަބަބުންނެވެ.

އޭނާ އެނބުރި ފްރާންސް ޓީމަށް އައީ 2020 ވަނަ އަހަރު ޔޫރޯ ގައެވެ. އެމުބާރާތުގައި ބެންޒީމާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އޭގެ ފަހުން ފްރާންސަށް ޔޫއެފާ ނޭޝަނަލް ލީގް ހޯދުމުގައި ބެންޒީމާ މުހިއްމު ދައުރެއް އަދާކުރިއެވެ.

ބެންޒީމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އަދި ކްލަބް ފުޓްބޯޅަ އިން އޭނާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގިނި

    މައްސަލއިގެ އަސްލަކީ ދީން، ޖަރުމަނުން އޮލިޒް ނުަނަގާ، ފްރާންސުން ބެންޒެމާ ނުނަގާ.
    މޮރޮކޯ ޕޯޗުގަލް އާ ސްޕެއިން ބަލިކޮށްފަ ގޮސް ފްރާންސު އަތުން ބަލިވީމަ ވެސް ހިޖުރައިން ދެވަނަ ގަރުނުގަ މަޣްރިބުން ދިޔަ އިސްލާމީ ފުތޫހާތްތަކަށް ވީ ގޮތުގެ ވާހަކަ ފްރާންސު ނޫސްތަކެއްގައި ދައްކައިފި.