"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް އެފްސީ ރީތި އައްޑޫ ދަތުރުކޮށްފިއެވެ.

މި މެޗު ރީތި އައްޑޫ އިން ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީގައި 1-3 އިން މޯލްޑިވިން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް 2-2 އިން އޮތީ އެއްވަރުވެފައެވެ.

ރީތި އައްޑޫ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރީތި އައްޑޫ ޓީމުގެ ކެޕްޓަން އާދަމް ލަރީފް (ރޮނާ) އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ތިން ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ހާފުގައި މޯލްޑިވިއަން ޓީމުން ވެސް ވަނީ ރީތި އައްޑޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުން ފޮނުވާލި އެއް ހަމަލާ ރީތި އައްޑޫގެ ގޯޅުގެ ހުރަސް ދަނޑި އަށް ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ. ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު މިނެޓްގައި އަހުމަދު ހަމީދު ވަނީ ރީތި އައްޑޫ ޓީމަށް ލީޑު ނަގާދީފައެވެ.

ރީތި އައްޑޫ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އަދި ދެވަނަ ހާފްގެ ކުރީކޮޅު އަބްދުﷲ ވިޝާމް ވަނީ ރީތި އައްޑޫ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްފަހުން މުހައްމަދު އިމްރާން ވަނީ ގޯލެއް ކާމިޔާބުކޮށް މޯލްޑިވިއަން ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ ފަހު މިނެޓްގައި އިމްރާން ވަނީ މޯލްޑިވިއަން ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެގޮތުން ޕެނަލްޓީގައި ރީތި އައްޑޫ އިން ކާމިޔާބުކުރި ހުރިހާ ޕެނަލްޓީ އެއް ވެސް ކާމިޔާބުކުރިއިރު މޯލްޑިވިއަންގެ އެއް ޕެނަލްޓީ ރީތި އައްޑޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި މެޗު ރީތި އައްޑޫ އިން ކާމިޔާބުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި އައްޑޫ ޓީމުގެ ކީޕަރު އަބްދުﷲ ޝަޖަންއެވެ.

މުބާރާތުގެ ފައިނަލްގައި ރީތި އައްޑޫ ބައްދަލުކުރާނީ ބޭރުމަތިއާއެވެ. ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.