މިދިޔަ މަހު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާގެ ފަރާތުން ފެނުނު ނޭދެވޭ އަމަލުތަކުގެ ސަބަބުން، އެގައުމާ ދެކޮޅަށް ޑިސިޕްލިނަރީ ތަހުގީގެއް ފަށާފައިވާ ކަމަށް، ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން ބުނެފިއެވެ.

ވޯލްޑު ކަޕްގެ ފައިނަލުގައި އާޖެންޓީނާ އިން ވަނީ، ޕެނެލްޓީ ޖަހައިގެން، 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް މުބާރާތުގެ ތަށި އުފުލާލައިފައެވެ.

މެޗަށް ފަހު މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ ޓްރޮފީ އާއެކު އާޖެންޓީނާގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ހުރިހާ އެންމެންގެ ކުރިމަތީގައި ހުތުރު ވައްތަރެއް ޖައްސާފައެވެ. އަދި އެއަށްފަހު، އާޖެންޓީނާގެ ޗޭންޖިން ރޫމްތެރޭގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއަށް މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ފައިނަލް މެޗުގެ ހެޓްރިކާއެކު، މުބާރާތުގެ އެންމެ ގިނާ ގޯލު ޖަހާ، އެމްބާޕޭ ވަނީ ރަންބޫޓު ހޯދާފައެވެެ.

ފީފާ އިން ބުނެފައިވަނީ އާޖެންޓީނާއިން ވަނީ ނޭދެވޭ އަމަލުތައް ކޮށް، ފެއަރޕްލޭގެ އުސޫލުތަކާ ހިލާފުވެ، ފީފާގެ ގަވާއިދުތަކާއި ހިލާފުވެފައި ކަމަށެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ހެދިފައިވާ ފީފާގެ ގަވާއިދު ތަކާއިވެސް އާޖެންޓީނާއިން ހިލާފުވެފައިވާ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މީޑިއާ އަދި މާކެޓިންގެ ގަވާއިދުތަކާއި ހިލާފުވެފައިވުމުން ފީފާއިން ދަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މައްޗަށްވެސް ތަހުގީގެއް ހިންގަމުންނެވެ.

އާޖެންޓީނާއިން ވޯލްޑްކަޕް ކާމިޔާބު ކުރުމަށްފަހު އެނބުރި ގޮސް ބޭއްވި އުފާ ފާޅުކުރުންތަކުގައިވެސް މާޓިނޭޒް އެމްބާޕޭއަށް މަލާމާތް ކޮށްފައިވުމުންވެސް ގިނަ ބައެއްގެ ފާޑުކިއުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. ވެރިރަށް ބުއެނޯސް އެއަރޭސް ގައި ބޭއްވި ޕެރޭޑްގައި މާޓިނޭޒް ހުރީ އެމްބާޕޭގެ މޫނުގެ ފޮޓޯއެއް ތަތްކޮށްފައި އޮތް ކުޑަކުއްޖެއްގެ ބުދެއް ހިފައިގެންނެވެ.

"މެޗުތަކުގެ ސަލާމަތާއި ހަމަޖެހުމާއި" އަދި "ނަސްލީ ތަފާތުކުރުމުގެ" ގަވާއިދުތަކާއި ހިލާފުވެފައިވުމުން ކްރޮއޭޝިއާގެ ޓީމުގެ މައްޗަށްވެސް ފީފާއިން ދަނީ ތަހުގީގެއް ހިންގަމުންނެވެ. މުބާރާތުގެ ތިންވަނަ ހޮވުމަށް މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިން ވަނީ ފޭސިސްޓު ހިޔާލުތަކެއް ހިމެނޭ ލަވައެއް ކިޔައިފައެވެ.

ކްރޮއޭޝިއާގެ ޑިފެންޑަރު ޑެޖާން ލޮވެރެން ވަނީ އެއީ އޭނާގެ ގައުމާއި ގުޅޭ ވަތަނީ ލަވައެއް ކަމަށާއި، އޭގެން ދޭހަކޮށްދެނީ ކުޅުންތެރިން ގައުމުދެކެ ލޯބިވާކަން ކަމަށް ބުނެ އެކަން ދިފާއު ކޮށްފައެވެ.

މީގެ އިތުރުންވެސް ފީފާއިން ބުނެފައިވަނީ، ގުރޫޕް ސްޓޭޖުގައި ޕޮލެންޑާއި ސައުދީ އާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި، ސަޕޯޓަރުން ކިޔާފައިވާ އެއްޗެހީގެ ސަބަބުން، މެކްސިކޯވެސް 107،840 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުޓިން

    އާޖެނޓީނާގެ ވާހަކަ މީޑީއާއިން ގެއްލޭތީ، ފީފާއިން ކުރާކަމެއް ތިޔައީ. އެހެންނާ އަޅެ މިހާރު ވޯލްޑްކަޕް ނިމި މަސްދުވަސް ވީ ވިއްޔާ.

    އިތުރު ކުޅުންތެރިން ދަނޑަށް އެރި މައްސަލައިގައި އެއްޗެއް ނެތްތޯ ބުނެވޭކަށް. ފުރާންސުން އެެހެން ކިޔާތީ އެކަމުހެ ހަޤީގަތް އެންގއނ ބޭޏުން.

    5
    4