އިންޓަ މިލާނަށް ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް ޔަކީން ކޮރެއާ ފްރާންސް ލީގުގެ މާސޭ އަށް ބަދަލުވެއްޖެ އެވެ.

ކޮރެއާ ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 76 މެޗުގައި 10 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު ކޮރެއާ ވަނީ އިޓާލިއަން ކަޕް ދެ ފަހަރު، އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އިންޓަ އިން މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ޓީމުގައި ވެސް އޭނާ ހިމެނެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮރެއާ މާސޭ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށެވެ. އޭނާ މާސޭ އަށް ބަދަލުވީ ދެ މިލިއަން ޔޫރޯގެ ޑީލެއްގެ ދަށުންނެވެ. މާސޭގައި ކޮރެއާ ބޭނުން ކުރާނީ 20 ނަންބަރު ޖާޒީ އެވެ. އެ ކުލަބުން މިހާރު ވަނީ ކޮރެއާ ހޯދިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.

މި ސީޒަނަށްފަހު، ކުރިއަަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގަށް މާސޭ ކޮލިފައި ވެއްޖެ ނަމަ، ދާއިމީ އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ކޮރެއާ ހޯދޭނެއެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ 2021 ވަނަ އަހަރު އިންޓަ އަށް ބަދަލުވީ ވެސް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު އޭނާ ވަނީ އެކުލަބާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ތިން އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.