ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލަށް އެހީވުމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ އަންގީ ނީލަމަށް ލައިފިއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ފްރާންސް އާއި ދެކޮޅަށް ކުޅުނު ފައިނަލު މެޗުގައި މާޓިނޭޒް ލައްވައިގެން ހުރި އަންގީ ނީލަމަށް ލާފައިވަނީ 45،000 ޑޮލަރަށް ވިއްކާލުމަށެވެ.

އާޖެންޓީނާގެ ޕީޑިއެޓްރިކް ފައުންޑޭޝަނުން ވެސް ވަނީ މާޓިނޭޒްގެ އަންގީ ވިއްކާލަން ނިންމިކަން އިއުލާނު ކޮށްފައެވެ. އެގޮތުން ބުނެފައިވަނީ ގައްރަހަން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ކެންސަރު ބަލީގެ ކުދިންނަށް އެހީވުމަށް މާޓިނޭޒްގެ އަންގީ ވިއްކާލަން ނީލަމަށް ލާފައިވާ ކަމަށެވެ.

ގައްރަހަން ހޮސްޕިޓަލަކީ އާޖެންޓީނާގެ ކުޑަކުދިންގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

މިކަމާއި ގުޅިގެން މާޓިނޭޒް ބުނެފައިވަނީ އޭނާ ވޯލްޑް ކަޕުގެ އަންގީ ޑޮނޭޓް ކުރުމަށް އެދުމުން އެކަމާއި އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި އެކަމާއި ޖެހިލުން ވެސް ނުވާ ކަމަށެވެ. ސަބަބަކީ އެއީ އެކުދިންނަށް ކޮށްދޭ ކަމަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

މާޓިނޭޒް އަންގީ ނީލަމަށް ލާފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ސޮއި ވެސް ވަނީ ކޮށްފައެވެ.

އޭނާ ބުނެފައިވަނީ ވޯލްޑް ކަޕު ފައިނަލަކީ ކޮންމެ ދުވަހަކު ކުޅޭ މެޗެއް ނޫން ކަމަށާއި އެހެން ކަމުން އަންގީ އަކީ ވަރަށް ވެސް މުހިންމު އެއްޗެއް ކަމަށެވެ. ނަމަވެސް އޭނާގެ ގޭގެ ފާރުގައި އަންގީ ހަރުކުރުމަށްވުރެ، ކުޑަކުދިންނަށް އެހީވުން މާ އުފާވެރި ކަމަށް އޭނާ ވަނީ ބުނެފައެވެ.