އާޖެންޓީނާގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އޭނާ ކުޅެމުންދާ ކްލަބަށް ގެނައުމަށްޓަކައި ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރި ކަމަށް އެސްޓަން ވިލާގެ ކީޕަރ އެމީލިއާނޯ މާޓިނޭޒް ބުނެފިއެވެ.

އާޖެންޓީނާގެ ޤައުމީ ޓީމްގެ ގޯލްކީޕަރގެ މަޤާމްގައި ހުރެގެން އެ ޤައުމަށް ނިމިދިޔަ ފީފާ ވޯލްޑް ކަޕްގެ ތަށި ދިފާއުކޮށް ދިނުމުގައި ފުޅާ ދައުރެއް އަދާކުރި މާޓިނޭޒް މިހެން ބުނެފައިވަނީ ސަމާސާ ރާގަކަށެވެ.

މާޓިނޭޒް ބުނީ މެސީ އެސްޓަން ވިލާއަށް ކުޅެން އައިިއްސިއްޔާ އޭނާގެ ޚިދުމަތުގައި 'ޕޮޓް ރޯސްޓް' ކައްކާ ޚިދުމަތް ކުރާނެ ކަމަށެވެ. ހަމަ އެއާއިއެކު، މެސީ ޓީމަށް ގެނައުމަށް މާޓިނޭޒްގެ މުސާރަ ކުޑަކުރަން ވެސް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ދި ޑެއިލީ މެއިލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ ގަސްދުކުރަނީ މި ސީޒަނަށްފަހު ފްރާންސްގެ ކްލަބް ޕީއެސްޖީ ދޫކޮށްލާށެވެ. އެއަށްފަހު، އޭނާގެ އުމުރާއި، އޭނާއަކީ އަގުބޮޑު ކުޅުންތެރިޔަކަށްވުމުގެ ސަބަބުން ޕްރެމިއަރ ލީގްގައި ހިމެނޭ ކްލަބްތަކަށް މެސީ ކުޅުމުގެ ފުރުޞަތު ކުޑަކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވިޔަސްވެސް، އެސްޓަން ވިލާއަށް މެސީ ގެންނަން ގުރުބާން ވާން ހުރި ކަމަށް ސަމާސާއަކަށް މާޓިނޭޒް ބުނެފައިވެއެވެ.

"އޭނާ ރުއްސުވުމަށްޓަކައި އަހަރެންގެ މުސާރަ ކުޑަކުރަން ޖެހުނިއްޔާ، އެވެސް ކުރާނަން" އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ބުނެފައިވެއެވެ.

މާޓިނޭޒްގެ އިންޓަވިއުގައި އޭނާ ވަނީ މެޗަކުން ބަލިވުމަކީ އޭނާއަށް ހަޖަމްކުރަން ދަތި ކަމެއްް ކަމަށް ބުނެފައިއެެވެ. " މެޗެއްގައި ބަލިވުުމުން ރޯންވެސް ރޮވޭ. މެޗެއްގައި މޮޅުވުމުން ހޭންވެސް ހެވޭ މާ ގަދަޔަށް. އަހަރެންނަށްވެސް ވާ ގޮތެއް އެއީ، މެޗަކުން ބަލިވެގެން ގެއަށް އައިސް އަހަރެން ހުންނަން ގަޑިތަކެއް ވަންދެން، މީހަކާއި ވާހަކަ ނުދައްކާ. އެކަމަކު، އަހަރެންގެ އަނބި ދަރިން އަހަރެންގެ މޫޑު ރަނގަޅުކޮށްދޭ" މާޓިނޭޒް ބުނެފައިވެއެވެ.