ނިމިދިޔަ ވޯލްޑްކަޕް ފައިނަލްގައި އާޖެންޓީނާގެ ގޯލްކީޕަރ އެމިލިއާނޯ މާޓިނޭޒް ބޭނުންކޮށްފައިވާ ބައެއް އުކުޅުތަކުގެ ސަބަބުން ފީފާއިން ގޯލްކީޕަރުންނަށް ޕެނަލްޓީ ލަނޑު ޖެހުމުގައި އައު ޤަވާއިދުތަކެއް ތަޢާރަފްކޮށްފިއެވެ.

ފްރާންސްއާޢި ދެކޮޅަށް ކުޅުނު ތާރީޚީ ފައިނަލް މެޗްގައި ޕެނަލްޓީ ޖެހުމުގެ ތެރެއިން މާޓިނޭޒް ވަނީ ފްރާންސްގެ ކުޅުންތެރިންގެ ސަމާލުކަން ގޯލް ޖެހުމުން އެއްކިބާކޮށް އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދަމައިގަންނަ ފަދަ އެކި އުކުޅުތައް ބޭނުންކޮށްފައެވެ. ދާދި ފަހުން ރިޓަޔަރވި ފްރާންސްގެ ގޯލްކީޕަރ ހޫގޯ ލޯރިސްވެސް ވަނީ އެ ކަން ފާހަގަކޮށްފައިއެވެ. އަދި ޚުދު މާޓިނޭޒް ވެސް ވަނީ އެކަމާއި އެއްބަސްވެފައިއެވެ.

ފީފާއިން ބުނެފައިވާ ގޮތުގައި ޖުލައި 1 ގެ ފަހުން އެއްވެސް ގޯލްކީޕަރަކަށް މިފަދަ އުކުޅުތައް ބޭނުންކުރުން މަނާވާނެއެވެ. މާޓިނޭޒް ވަނީ ޕެނަލްޓީ ޖެހި ވަގުތުގައި، އޭނާ ބަލަހައްޓަމުންދިޔަ ގޯލް ޕޯސްޓުގައި ހިމޭނުން ނުހުރެ އިދިކޮޅު ކުޅުންތެރިޔާ ޕެނަލްޓީ ޖަހަން ފޮނުވި ބޯޅަ ވީހާވެސް ދުރަށް އެއްލާލާފައިއެވެ. އޭގެ ސަބަބުން ފްރާންސްގެ ކުޅުންތެރިޔާއަށް ޕެނަލްޓީ ނާކާމިޔާބުވާން މެދުވެރިވިކަމަށް ފުޓްބޯޅަ ދިރާސާ ކުރާ މީހުން ބުނެއެވެ. އަދި ހަމައެއާއިއެކު އެ އަމަލުގެ ސަބަބުން ޕެނަލްޓީ ވަގުތުކޮޅު ބޭކާރުވީކަން ފާހަގަކޮށް، ފީފާއިން ވަނީ ޕެނަލްޓީ ޖަހާ ވަގުތުތަކުގައި އެއްވެސް ވަރަކަށް ވަގުތު ބޭކާރު ކުރެވޭ ފަދަ ކަންތައްތަކުން ދުރުހެލިވުމަށް އަންގާފައިއެވެ. އައު ގަވާއިދުގެ ދަށުން ކީޕަރު ބޯޅަ އަތަށް ނެގިނަމަވެސް ބޯޅަ ދޭން ޖެހޭނީ ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާ އަތަށެވެ.

އާ ގަވާއިދުގައި ބުނެފައި ވާ ގޮތުން، ޕެނަލްޓީއެއް ޖަހަން ތައްޔާރުވާއިރުގައި ކީޕަރުންނަށް ގޯލު ޕޯސްޓުގެ ދަނޑިތަކާއި ނެޓުގައި އަތް ނުލެވޭނެ ކަމަށާއި އޭގެ އިތުރުން ކްރޮސްބާގައި ވެސް އަތް ނުލެވޭނެ ކަމަށެވެ. އޭގެ އިތުރަށްވެސް، ކުޅުންތެރިޔާ ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރުންނަށް ކުޅުންތެރިޔާއާއި ވާހަކަދެއްކުންވެސް މަނާކުރެވިގެންދާނެއެވެ.

ފީފާއިން ވަނީ ޕެނަލްޓީގެ ފަހުން މާޓިނޭޒް ޖައްސާފައިވާ ވައްތަރުތަކަށް އިޝާރާތްކޮށް، އެފަދަ ކަންކަން ފެނިގެންނުދާނެ ގޮތަށްވެސް ޤަވާއިދެއް ތަންފީޒުކޮށްފައިއެވެ. މި ޤަވާއިދުގެ ދަށުން ޕެނަލްޓީއެއް ނާކާމިޔާބު ވީމާ، ދަނޑު މަތީގައި ލަނޑު ޖަހަންދާ މީހާގެ ކުރިމަތީގައި އެކަމުގެ އުފާ ފާޅުކުރުން މަނާވާނެއެވެ.

ފީފާއިން ހަދާފައިވާ އައު ޤަވާއިދުތަކާއި ގުޅޭގޮތުން އީއެސްޕީއެންއާއި ވާހަކަދައްކަމުން މާޓިނޭޒް ބުނީ އޭނާއަކަށް އޭގެއިން އެއްވެސް ފަރަގެއް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ އޭގެ ސަބަބަކީ އޭނާ ބޭނުންވީ އުކުޅުތައް ބޭނުންކޮށްގެން އާޖެންޓީނާ ކެޕްޓަން މެސީގެ ހުވަފެން ހަޤީޤަތަކަށް ހަދާލެވިފައިވާތީ ކަމަށެވެ. އަދި އެކަން އެ އޮތީ ވެ ނިމިފައި ކަން އޭނާ ފާހަގަކުރިއެވެ.

"20 އަހަރު ފަހުން ޕެނަލްޓީއެއް ސަލާމަތް ކުރެވޭނެ ކަމެއް ނޭނގެ، ފަހަރެއްގައި ނުވެދާނެ ކަމެއް، އެކަމަކު ކޮޕާ އެމެރިކާގައި ވެސް އަދި ވޯލްޑް ކަޕްގައި ވެސް އަހަރެން ވަނީ ގޯލްތައް ދިފާއުކޮށްފައި. (އައު ޤަވާއިދެއް އުފެއްދިޔަސް) އަހަރެންނަށް އެމީހުން ހުއްޓުވައި ޓީމު މޮޅުވުމަށް އެހީތެރިވެވުނު، އެ ވަރުން އަހަރެންނަށް ފުދޭ" މާޓިނޭޒް ބުނެފައިވެއެވެ.

ފީފާގެ އައު ޤަވާއިދުތަކަށް ތަބާވުމަކީ އޭނާގެ ޒިންމާކަމަށް ބުނެމުން މާޓިނޭޒް ވަނީ އޭނާ އައު ޤަވާއިދުތަކަށް އެއްވެސް މައްސަލައެއްނެތި އަހުލުވެރިވާނެ ކަމަށް ބުނެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެސީ1

    އެހެންކަމައްވާނަަމަ ވައްތަރު ޖެއްސުން ކުޅުމްތެރިންނަށް ވެސް މަނާ ވާންޖެހޭނެތާ

    15
    1
  2. ގަންޓާބެ

    ޕެނަލްޓީތައް ސޭވްކުރުމުގައި މާޓިނޭޒް ހަމަ ހުނަރުވެރި ހަމަމޮޅު...އަހަރެންނަށް މާޓިނޭޒްގެ މައްސަލައަކަށްވީ އިނާމު ދިނުމުގެ ހަފްލާގައި އޭނަ ޖެއްސި ހަޑިވައްތަރާއި އޭނާގެ ދަށުދަރަޖައިގެ އަހުލާގު

    13
    1