މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި "މެންޗެސްޓާ ޑާބީ" މެޗު ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެގެ ޑާބީ މެޗަކީ މި ދެޓީމުގެ މެދުގައި ކުޅެވުނު 189 ވަނަ ޑާބީ މެޗަށެވެ. މީގެ ތެރެއިން 58 ފަހަރު މެންޗެސްޓަ ސިޓީ ކުރި ހޯދާފައިވާއިރު މެންޗެސްޓަ ޔުނައިޓެޑް ވަނީ 77 ފަހަރު ކުރި ހޯދާފައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި މެޗުގައި މި ދިޔަ މާޗު މަހު ސިޓީ އިން ވަނީ ޔުނައިޓެޑް 6-3 އިން ބަލިކޮށްފައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ސިޓީން ފުރަތަމަ ގޯލް ޖަހައި ކުރިހޯދާފައި ވަނިކޮށް, ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ސިޓީއަށް ކުރިހޯދައިދިނީ، ދެވަނަ ހާފްގައި ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތް ގްރީލިޝްއެވެ. 57 ވަނަ މިނިޓްގައި ކުޅެން ނުކުމެ ގްރީލިޝް ލަނޑުޖެހީ ކެވިން ޑި ބުރައިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، 60 ވަނަ މިނިޓްގައެވެ. އެކަމަކު އެލީޑްގައި އޮވެވުނީ 18 މިނިޓެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯޗްގަލް މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި އެ ލަނޑަށްފަހު ހަތަރު މިނިޓްގެ ތެރޭގައި ރަޝްފޯޑް ލަނޑު ޖަހައި ޔުނައިޓެޑަށް ކުރި ހޯދައިދިނެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ ދެވަނާގައި އޮތް ސިޓީއާ ޕޮއިންޓަކަށް ގާތްކޮށްފައެވެ. އަދި ސިޓީއަށް ލީގު ދިފާއުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެއްވަނާގައި އާސެނަލް އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި ސިޓީ އިތުރަށް މެޗެއް ކުޅެފައިވާތީ އެ ލީޑަށް ޕޮއިންޓް ފުޅާކުރުމުގެ ފުރުސަތު އާސެނަލްއަށް އެބައޮތެވެ. ސިޓީ މެޗަށް ނުކުތީ އިނގިރޭސި ލީގުކަޕުން ކެޓުމުގެ މާޔޫސްކަމާވެސް އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    ކޮބާ ހާލަންޑް

  2. ލާމު

    މިމޮޅު ތާރީޚީވީ ގޮތެއް ނޭނގުނު.

    9
    1
  3. ޖޮނީ ޑެޕްތު

    އެންމެ އެކަށީގެންވަނީ އަލަށް މެޗަކުން މޮޅުވީކަމަށް

    1
    2