ޓޮޓެންހަމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ލޫކަސް މޯރާ މި ސީޒަނަށްފަހު ދޫކޮށްލަން އެ ކްލަބުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ. ކޮންޓޭ ބުނީ ޓޮޓެންހަމުން ނިންމާފައިވަނީ މޯރާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ އެއްބަސްވުން އައު ނުކުރުމަށް ކަމަށެވެ. އެއީ ޓޮޓެންހަމްގެ ނިންމުމެއް ކަމަށާއި، އެ ނިންމުން ނިންމީ އެތައް ގޮތަކުން ވިސްނާފައި ކަމަށްވެސް ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމާއެކު މޯރާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. މީގެ އިތުރުން ކޮންޓޭ ބުނީ މިހާރު ކުރިއަށްދާ ސީޒަނަކީ މޯރާއަށް އުނދަގޫ ސީޒަނެއް ކަމަށެވެ. އޭނާ ބުނީ ތެދަށް ބުނާނަމަ، މި ސީޒަނަށް ޕްލޭން ހަދައި، ތައްޔާރުވީއިރު މޯރާއަކީ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މޯރާ ޓޮޓެންހަމަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 213 މެޗުގައި 38 ލަނޑު ޖަހާފައެވެ. ޓޮޓެންހަމާއެކު މޯރާ ވަނީ 19-2018 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 21-2020 ވަނަ ސީޒަންގެ ކަރަބޯ ކަޕްގެ ފައިނަލް ކުޅެފައެވެ.

އުމުރުން 30 އަހަރުގެ މޯރާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. 2011 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް އޭނާ ވަނީ 35 މެޗު ކުޅެދީ، ހަތަރު ލަނޑު ޖަހާފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ 2013 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ.