މި މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ޕްރިމިޔަރ ލީގުގައި ނިއުކާސަލް ކައިރިން 1-6 ގެ ނަތީޖާއަކުން ބަލިވި މެޗު ބެލުމަށް ނިއުކާސަލްއަށް ދިޔަ ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ޓިކެޓް ލާރި އަނބުރާ ދިނުމަށް އެޓީމުގެ ކުޅުންތެރިން ނިންމައިފިއެވެ.

މިއަދު ޓޮޓެންހަމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރޭގެ މެޗުގެ ނަތީޖާއާއި މެދު ދެރަވާ ކަމަށާއި، ސަޕޯޓަރުންގެ ހިތުގައިވާ ހިތްދަތިކަން އިހުސާސް ކުރެވޭ ކަމަށެވެ. ނިއުކާސަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެން ދިޔަ ދަށް ކުޅުމަށް މުޅި ޓީމުން މާފަށް އެދޭކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ އަންގާރަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންނަށް ހިނިތުން ވުން ގެނެސްދޭނެ ކަމަށެވެ.

ނިއުކާސަލް އަތުން ބަލިވި މެޗާއި ގުޅިގެން އެޓީމުގެ ހެޑް ކޯޗު ސްޓެލިނީ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ސްޓެލީނީ އެ ޓީމާއި ހަވާލުވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލުވީ ބުނެފައިވަނީ އާދިއްތަ ދުވަހު އެ ޓީމުން ކުޅުނު މެޗަކީ ނަތީޖާ ގަބޫލު ކުރަން ދަތި މެޗެއް ކަމަށާއި މެޗުގައި މުޅި ޓީމުގެ ޕާފޮމެންސް ވެސް ވަރަށް ދަށް ކަމަށެވެ.

ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން މި މެޗުގައި ނިއުކާސަލުން ވަނީ ފުރަތަމަ ހާފުގެ 25 މިނެޓު ހަމަވުމުގެ ކުރިން ފަސް ގޯލު ޖަހާފައެވެ. މި ނަތީޖާ އާއެކު ދެވަނަ ހާފުގައި އެއް ނަންބަރު ކީޕަރުވެސް ވަނީ ބަދަލުކޮށްފައެވެ.