ބްރެންޓްފޯޑްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ އަށް ޓޮޓެންހަމް އިން ފާރަލާން ފަށައިފިއެވެ.

ސްޕެއިންއަށް ނިސްބަތްވާ ކުޅަދާނަ ގޯލްކީޕަރު ހޯދުމަށް ޓޮޓެންހަމްއިން އޭނާ އަށް އޮފާތަކެއް ހުށަހެޅި ކަމަށްވެއެވެ. ޓޮޓެންހަމްއިން ބޭނުންވަނީ ހޫނު މޫސުމުގައި ކީޕަރު އެ ޓީމަށް ގެންނާށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ރަޔާ އަށް ޝައުގުވެރިވެއެވެ.

ކްލަބްގައި 11 އަހަރު ހޭދަކުރުމަށްފަހު ޓޮޓެންހަމްގެ ގޯލް ކީޕަރ ހޫގޯ ލޯރިސް އެ ކްލަބް ދޫކޮށްލަން ނިންމާފައިވާއިރު، ޑޭވިޑް ރަޔާ މިހާރުވެސް ޓޮޓެންހަމްއަށް ކުޅެން ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ލޯރިސް ބުނީ އޭނާ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވަނީ އާ ކަމެއް ކުރުމުގެ އުންމީދުގައި ކަމަށެވެ.

ކުޅިވަރުގެ ޚަބަރުތައް ރިޕޯޓްކުރާ ގޮތުގައި ރަޔާ އާއި ޓޮޓެންހަމް އެއްބަސްވުމަކާ ހަމައަށް ދިއުމާ ގާތްވެފައިވީ ނަމަވެސް، އޭނާގެ ފީއެއް އަދި ކަނޑައެޅިފައި ނުވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގައި ބްލެކްބާން އިން ބްރެންޓްފޯޑަށް ޑޭވިޑް ރަޔާ ބަދަލުވީ ތިން މިލިއަން ޕައުންޑަށެވެ. ބްރެންޓްފޯޑާއިއެކު ޑޭވިޑް ރަޔާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އަދި އެބަ އޮތެވެ. ޕްރިމިއާ ލީގްގެ އެހެން ކްލަބްތަކުން އޭނާއަށް ފާރަލާން ފެށުމުން ބްރެންޓްފޯޑުން ވަނީ ރަޔާގެ ކޮންޓްރެކްޓް އާ ކުރުމަށް މިދިޔަ އަހަރުގައި އަދި މި އަހަރުގެ ޖެނުއަރީގައި ވެސް މަސައްކަތްކޮށްފައިއެވެ. ނަމަވެސް، އޭނާ ވަނީ ބްރެންޓްފޯޑާއެކު އެއްބަސްވުން އާ ނުކުރަން ނިންމާފައިއެވެ.