އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް އާސެނަލުން ލީގުގެ ތާވަލުގެ އެއް ވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކުރީ 0-2ގެ ނަތީޖާ އިންނެވެ. މި މޮޅާއެކު އާސެނަލުން ވަނީ ލީގުގެ ތާވަލުގެ އެއް ވަަނަައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އާސެނަލް ކުޅުނު 18 މެޗުން އެޓީމުން ވަނީ ޖުމުލަ 47 ޕޮއިންޓް ހޯދައިފައެވެ. ލީގުގައި މި ހަފްތާގައި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ އަށް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗުގެ 14 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ ލޮރިސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އާސެނަލްގެ ބުކާޔޯ ސަކާ ނެގި ހުރަހެއް، ޓޮޓެންހަމްގެ ރަޔާން ސެސެންނޯން ފައިގައި ޖެހިފައި ގޯލަށް ވަނީ ލޮރިސް އަތުގައި ޖެހިފައެވެ.

ނަތީޖާ ހަމަހަމަ ކުރަން ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ލީޑުފުޅާކުރީ އޮޑެގާޑް ޖެހި ގޯލުންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި ހާފުގެ މެދަކާ ހަމައިން އޮޑެގާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ، ރަނގަޅު ފޯމެއްގައި ހުރި އޮޑެގާޑް ޖެހި އަށް ވަނަ ގޯލެވެ.

އާސެނަލުން މި ވަނީ 2013-2014 ވަަނަ ސީޒަނުގެ ފަހުން، ލީގު ސީޒަނެއްގައި ޓޮޓެންހަމް އަތުން ދެ ފަހަރު މޮޅުވެފައެވެ. ރޭގެ މެޗުން ބަލިވުމާއެކު ޓޮޓެންހަމް އޮތީ 19 މެޗުން 33 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސް ވަނައިގައެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޓޮޓެންހަމް ދަނޑުގައި މި ހޯދުނު މޮޅުގައި އޭނާ އެންމެ ހިތްހަމަޖެހުނު ކަަމަކީ ޓީމުގެ ސްޓައިލް ބަދަލުނުކޮށް ކޮންފިޑެންސާ އެކު މެޗު ކޮންޓްރޯލް ކޮށްގެން މޮޅުވުން ކަމަށެވެ.