ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

މިދެ ޓީމު ވެސް ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ރެއާލް މެޑްރިޑުން ސެމީ ފައިނަލް ގައި 1-1 އިން ވެލެންސިއާ އާ ވާދަކޮށް އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރީ 4-3 އިންނެވެ. ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި ސެމީ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން ޕެނަލްޓީ ގައި ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ކިންގް ފަހްދް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އިންނެވެ. މިއީ އާ ފޯމެޓުގައި ސުޕަ ކަޕް ކުޅުނު ހަތަރު ވަނަ ފަހަރެވެ. މި ފޯމެޓް ގައި ރެއާލުން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރިއެވެ. މިއީ އާ ފޯމެޓްގައި ބާސެލޯނާ އިން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި ރޭ ކުޅުނީ "އެލްކްލެސިކޯ" މެޗު ކަމަށްވާއިރު ބާސާ އިން ވަނީ އެންމެ ފަހުން ރެއާލާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފައެވެ.

ރޭގެ މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައީ ބާސެލޯނާ އިންނެވެ. މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ 12 ވަނަ މިނެޓުގައެވެ. މިއީ ޕަބްލޯ ގަވީރާ ނަގައިދިން ރީތި ހުރަހަކުން ރޮބާޓް ލެވަންޑޮސްކީ ބޮލުން ފޮނުވާލި ހަމަލާއަކަށްވާއިރު ގޯލާއި އަމާޒު ވާ ގޮތެއް ނުވިއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ރެއާލްގެ އެންމެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެޓީމަށް ލީޑު ނަގައިދިނުމަށް ބޮލުން ފޮނުވާލި ހަމަލާ ވަނީ ނާކާމިޔާބު ވެފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ބާސާ އިންނެވެ. މިއީ ލެވަންޑޮސްކީގެ އެހީތެރިކަމާއެކު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ގަވީ ޖަހައިދިން ހިތްގައިމު ގޯލެކެވެ. ދެވަނަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ބާސާ އިން ލީޑު ފުޅާކުރިއެވެ. މިއީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގަވީ ދިން ބޯޅައަކުން ފޯވާޑް ލެވަންޑޮސްކީ ފަސޭހަކަމާއެކު ޖެހި ގޯލެކެވެެ.

ދެވަނަ ހާފު ފަށައިގެން އައި އިރުވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެމުން އައީ ބާސެލޯނާ އިންނެވެ. ނަމަވެސް ރެއާލުގެ ފަރާތުން ފެނުނީ ޓީމު ފަހަތަށް ޖައްސައިގެން ކުޅެ ކައުންޓާ އެޓޭކްތަކެއް ކުރެވޭތޯއެވެ. މެޗުގެ 55 ވަނަ މިނެޓުގައި ބާސާގެ ލެވަންޑޮސްކީ ފޮނުވާލި ބާރު ހަމަލާ ވަނީ ރެއާލްގެ ކީޕަރު ދިފާއުކޮށްފައެވެ. ބާސާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މިއީ ރެއާލްގެ އެންޓޮނިއޯ ރުޑިގާ ހެދި ގޯހެއްގެ ފައިދާ ނަގައި ބާސާގެ ޕެޑްރީ ހުސްކޮށް އޮތް ގޯލަށް ފަސޭހަކަމާއެކު ޖެހި ގޯލެކެވެ. އޭގެ ފަހުން ރެއާލުން ހަމަލާ އުފައްދަން މަސައްކަތް ކުރި ނަމަވެސް ބާސާ އިން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފައެވެ. ރެއާލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހުނީ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައެވެ. މިއީ އެންމެ ފަހުގެ ބެލަންޑޯ އެވޯޑް ކާމިޔާބު ކުރި ބެންޒެމާ ޖެހި ގޯލެކެވެ.

ބާސާ މި މުބާރާތުން މޮޅުވުމާއެކު، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޒަވީ ހެނާންޑޭޒް ޓީމާ ހަވާލު ވުމަށް ފަހު އެޓީމު ހޯދި ފުރަތަމަ ކާމިޔާބެވެ.