ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ގަތުމަށް ޗެލްސީއާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ސްޕެއިންގެ ރެއާލް މެޑްރިޑުން އިއުލާންކޮށްފިއެވެ.

ރެއާލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އުމުރުން 26 އަހަރުގެ ކޯޓުއާ އެ ކްލަބަށް ބަދަލުވަނީ ހަ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ރެއާލް އަށް ބަދަލުވުމަށް މިއަދުގެ ވަގުތެއްގައި ކޯޓުއާ މެޑިކަލް ފުރިހަމަކުރާނެ ކަމަށާއި، އަދި އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި މިއަދުގެ ވަގުތެއްގައި ކޯޓުއާ ރަސްމީކޮށް ދައްކާލާނެ ކަމަށްވެސް ރެއާލް އިން ބުނެފައިވެއެވެ.

ރެއާލްގެ ވެބްސައިޓުގައި ކޯޓުއާ ގަތް އަގު ހާމަކޮށްފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ކޯޓުއާ ރެއާލް އަށް ވިއްކާލީ 35 މިލިއަނާއި 40 މިލިއަން ޕައުންޑާއި ދެމެދުގެ އަގެއްގައެވެ.

ކޯޓުއާ ވިއްކާލަން ޗެލްސީން ނިންމިއިރު ރެއާލް އަށް ބަދަލުވާން ބޭނުންވާތީ އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ވެސް އޭނާ ދިޔައީ ދެކޮޅު ހަދަމުންނެވެ. ކޯޓުއާގެ އެޖެންޓް މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި ކޯޓުއާ ޗެލްސީ ދޫކޮށް ރެއާލް އަށް ބަދަލުވާން ނިންމީ އޭނާގެ ކުދިންގެ ގާތުގައި ހުންނަން ބޭނުންވާތީއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޯޓުއާ އާއި އޭނާގެ ލޯބިވެރިޔާ މާތާ ޑޮމިނިގޭޒް ވަކިވެފައިވާއިރު އެ ދެ މީހުންނަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ ތިން އަހަރުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެމީހުން ދިރިއުޅެމުން އަންނަނީ ސްޕެއިންގައެވެ.

ކޯޓުއާ ޗެލްސީއާ ގުޅުނީ ބެލްޖިއަމްގެ ގެންކް އިން 2011 ވަނަ އަހަރުއެވެ. ޗެލްސީ އަށް ބަދަލުވުމާ އެކު އެ ކްލަބުން ވަނީ އޭނާ ލޯނެއްގެ ދަށުން އެތްލެޓިކޯ މެޑްރިޑަށް ފޮނުވާލާފައެވެ. ކޯޓުއާ އެނބުރި ޗެލްސީ އަށް އައިސްފައިވަނީ 2014 ވަނަ އަހަރުއެވެ.

ކޯޓުއާ ވަނީ ޕްރިމިއާ ލީގުގައި ޗެލްސީ އަށް 126 މެޗު ކުޅެދީ ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.