ޕޮލަންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ޕޯޗުގަލްގެ ކުރީގެ ކޯޗު ފެނާންޑޯ ސަންޓޯސް ހަމަޖައްސަން އުޅޭކަމަށް މިޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޕޯޗުގަލްގެ މަޝްހޫރު ކްލަބްތަކަށް ކޯޗުކޮށްދިން ސަންޓޯސް ވަނީ ގްރީސް އަށް ވެސް ކޯޗުކޮށްދީފައެވެ. އޭނާ ޕޯޗުގަލްއާ ހަވާލުވީ 2014 ވަނަ އަހަރުއެވެ. ސަންޓޯސްގެ ކޯޗުަކަމުގައި ޕޯޗުގަލް އިން ބޮޑު ކުރިއެރުންތަކެއް ހޯދިއެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާުބުކުރިއިރު، ޓީމު ރޭވުމުގައި ސަންޓޯސް ވަނީ ތަޖުރިބާގެ ބޭނުން ރަނގަޅަށް ކޮށްފަ އެވެ. އަދި 2019 ވަަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދިިއިރު، ސަންޓޯސް ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި އުމުރުން 68 އަހަރުގެ ސަންޓޯސްއާއި އެކު އެއްބަސްވުމުގައި ޕޮލަންޑް ފުޓްބޯޅަ ފެޑެރޭޝަނުން ސޮއިކުރާނެވެއެވެ.

އަދި ޕޮލަންޑް ފުޓްބޯޅަ ފެޑެރޭޝަނުން ސަންޓޯސް އާއި އެކު މަޝްވަރާ ކުރަން ފެށީ ހުސްވި ހަފްތާގެ ތެރޭގައި ކަމަށް ވެސް މިޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ކުރަމުން ގެންދަނީ އެންމެ ފަހު މަރުހަލާގެ މަޝްވަރާތައް ކުރަމުންނެވެ. އެހެން ކަމުން ދާދި އަވަހަށް ސަންޓޯސްއާއި އެކު އެއްބަސްވުމަކަށް އާދެވި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ދާނޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ސަންޓޯސް ޕޮލެންޑް ގައުމީޓީމާއި ހަވާލުވާނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެހެން ކަމުން 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ސަންޓޯސް ޕޮލެންޑް ޓީމަށް އިރުޝާދު ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސަންޓޯސް ޕޯޗުގަލް ޓީމުން އިސްތިއުފާ ދިނީ އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެގައުމު ކެޓުމާއި ގުޅިގެންނެވެ.

ޕޮލެންޑް ގައުމީ ޓީމުން ކޯޗަކު ހޯދަން ފަށާފައި މިވަނީ އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑުން ނެރުނު ދަށް ނަތީޖާގެ ސަބަބުން ކުރީގެ ކޯޗު ޗެސްލާވް މިޗްނިއެވިޗް މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.