ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް 3-1 އިން ބަލިކޮށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާ ފައިނަލްގައި ފްރާންސް ނުކުންނާނީ އިންގްލެންޑާއި ސެނެގާލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އިންގްލެންޑާއި ސެނެގާލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ނުރައްކާކޮށް ފެނުނީ ފްރާންސެވެ. އެ ޓީމުން ބެލީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ވުރެ، ޕޮލެންޑް ގޯލަށް ނުރައްކާ ކުރާށެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ކޯނަރެއް އެންޓޮއިން ގްރީޒްމަން ޕެނަލްޓީ އޭރިއާ ތެރެއަށް ނެގުމުން ފްރާންސްގެ ޑިފެންޑަރު ރަފައޭލް ވަރާން ފުންމައިގެން އަރައި ގޯލަށް ޖެހި ނަމަވެސް ދިޔައީ ގޯލް ކައިރިން ބޭރަށެވެ. ފްރާންސް މި ހާފްގައި ފެނުނީ އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އާއި ޑެމްބަލޭގެ ބޭނުން ވަރަށް ބޮޑަށް ހިފަމުން ދިޔަ ތަނެވެ. އެ ދެކުޅުންތެރިން ލައްވައި ގިނަ ހުރަސްތަކެއް ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ނަމަވެސް ގިނަ ފަހަރު ޖަހާނެ ކުޅުންތެރިއެއް ނެތި ވަނީ ބޭކާރެވެ.

އެމްބާޕޭ ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 13 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލްޑަރު އައުރެލެން ޗޫމެނީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޖެހި ބާރު ހަމަލާއެއް ޕޮލެންޑްގެ ކީޕަރު ވޯޝެޒް ޝެޒްނީ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ.

މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ފްރާންސާއި ޕޮލެންޑް ބައްދަލު ކުރި ދެވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ 1982 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައެވެ. އެ މެޗު 4-2 ގެ ނަތީޖާއަކުން ކުރި ހޯދައި މުބާރާތުގެ ތިން ވަނަ ހޯދީ ޕޮލެންޑްއެވެ.

ފްރާންސާއި ޕޮލެންޑް މިހާތަނަށް ކުޅުނު އެކި މުބާރާތްތަކުގައި ހަތް ފަހަރު ވާދަކުރިއިރު، އެ ތަނުން އެއްވެސް މެޗެއްގައި ފްރާންސް ބަލިވެފައެއް ނުވެއެވެ. އެގޮތުން ތިން މެޗު މޮޅުވި އިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ 1982 ވަނަ އަހަރު ރަހްމަތްތެރިކަމުގެ މެޗެއްގައެވެ. އެ މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ވެސް ފްރާންސެވެ. ފްރާންސާއި ޕޮލެންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ފްރާންސް ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

ފްރާންސާއި ޕޮލެންޑް ބައްދަލު ކުރި މެޗު. -- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 17 ވަނަ މިނެޓުގައި ޑެމްބަލޭ ޕެނަލްޓީ އޭރިއާ ކައިރި އަށް ގޮސް، ޖެހި ބޯޅަ ވެސް ޕޮލެންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގެ 20 ވަރަކަށް މިނެޓު ކުޅެވުނު ނަމަވެސް ފްރާންސްގެ ގޯލަށް ނުރައްކާވާ ފަދަ ހަމަލާއެއް ޕޮލެންޑަށް އުފެއްދިފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ފެނުނީ ޕޮލެންޑް ކުޅުންތެރިން ވަރަށް ބޮޑަށް ޑިފެންސް ކުރުމުގެ ރޫހެއްގައި ކުޅުނު ތަނެވެ.

އެކަމަކު، މެޗުގެ 21 ވަނަ މިނެޓުގައި ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޖެހި ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލް ކައިރިން ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޖެހި ބޯޅަ ވެސް ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ދެވަނަ ބުރަށް ދަތުރު ކުރިއިރު، މިއީ 1986 ވަނަ އަހަރުގެ ފަހުން ޕޮލެންޑް ވޯލްޑް ކަޕެއްގެ ދެވަނަ ބުރުގައި ވާދަކުރި ފުރަތަމަ މެޗެވެ. ޕޮލެންޑް 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ބަލިވެފައި ވަނީ ބްރެޒިލް އަތުން 4-0 އިންނެވެ.

ޖިރޫ ގޯލާ ދިމާލަށް ބޯޅަ ޖަހަން މަސައްކަތް ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 30 ވަނަ މިނެޓަށް އެޅުނު އިރު، ފެނުނީ ޕޮލެންޑުން ކުޅުން ރަނގަޅު ކުރި ތަނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކެއް އުފެއްދޭތޯ ޕޮލެންޑް ކުޅުންތެރިން މަސައްކަތް ކުރިއެވެ. އެގޮތުން ޕޮލެންޑްގެ ފަހަތަށް ކުޅޭ މެޓީ ކޭޝް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޕޮލެންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޭޝް ކައިރިން ނައްޓާލުމަށް ފަހު، އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ކޭޝްގެ ގައިގައި ޖެހިފައި ކޯނަރަކަށެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޕޮލެންޑަށް ލީޑް ނަގަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ޕިއޯ ޒިލެންސްކީ ފޮނުވާލި ހަމަލާ ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޯރިސް މަތަ ކުރިއެވެ. އަދި ދެވަނަ ފަހަރަށް ޒިލެންސްކީ ފޮނުވާލި ބޯޅަ ވަރާން ވަނީ ދިފާއުކޮށްފައެވެ. އެ ބޯޅަ ދެން ލިބިފައި ވަނީ ވެސް ޕޮލެންޑްގެ ކޭޝްއަށެވެ. އޭނާ ޖެހި ބޯޅަ ވެސް ފްރާންސްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ދިޔައީ ކޯނަރަކަށެވެ. މިއީ މެޗުގައި ވެސް އުފެއްދި އެންމެ ނުރައްކާތެރި ހަމަލާއެވެ.

ޕޮލެންޑްގެ ހަމަލާއެއް ފްރާންސްގެ ކީޕަރު މަތަ ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

އެކަމަކު މެޗުގެ 44 ވަނަ މިނެޓުގައި އެމްބާޕޭ ދިން ރީތި ބޯޅައެއްގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ތިރިތިރިން ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައި ފްރާންސުން ލީޑް ނެގިއެވެ. ޖިރޫ ޖެހި ލަނޑާއެކު ފްރާންސް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއަކަށް ޖިރޫ ވަނީ ވެފައެވެ. ކުރިން މި ރިކޯޑް އޮތީ 52 ގޯލް ޖެހި ފްރާންސް އާއި އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީ އަތުގައެވެ.

ޖިރޫ ޖެހި މި ލަނޑާއެކު، ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 52 އަށް އަރައިފައެވެ. ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 116 މެޗު ކުޅެދީފައެވެ. އޭސީ މިލާނަށް މިހާތަނަށް ޖިރޫ ކުޅެ ދިން 55 މެޗުގައި ވެސް އޭނާ ވަނީ 22 ގޯލް ޖަހައި ދީފައެވެ.

ގްރީޒްމަން ބޯޅަ ގޯލާ ދިމާލަށް ފޮނުވާލަނީ. --- ފޮޓޯ: އަލްޖަޒީރާ

މެޗުގެ ދެވަނަ ހާފް ފަށައިގެން ޕޮލެންޑަށް ނުރައްކާކޮށްފައި ވަނީ ފްރާންސެވެ. މެޗުގެ 48 ވަނަ މިނެޓުގައި ފްރާންސަށް ލިބުނު ހިލޭ ޖެހުމެއްގައި ގްރީޒްމަން ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އޭގެ ދިހަ މިނެޓު ފަހުން، އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ވެސް ޕޮލެންޑްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ފަހު ހާފްގައި ވެސް ފްރާންސް ކުޅުންތެރިންގެ ނުރައްކާތެރިކަން ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް، ޕޮލެންޑް ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވީ އެމްބާޕޭގެ ފަރާތުންނެވެ. އެމްބާޕޭ އާއި ޑެމްބަލޭ އެކުގައި ގުޅިގެން ކުޅުނު ތަން ފެނިފައިވެއެވެ. އެގޮތުން ޑެމްބަލޭ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އެމްބާޕޭ އަށް ދިން ބޯޅަ، އެމްބާޕޭ ޖެހި ނަމަވެސް ވެސް ދިޔައީ މާ މަތިންނެވެ.

އެމްބާޕޭ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 74 ވަނަ މިނެޓުގައި ފްރާންސުން ލީޑް ފުޅާ ކުރީ އެމްބާޕޭ ޖެހި ލަނޑުންނެވެ. ޑެމްބަލޭ ދިން ރީތި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އެމްބާޕޭ ފައިން ގޯލްގެ ތެރެއަށް ފޮނުވާލި އިރު، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ކުރާނެ އެއްވެސް ކަމެއް ނެތެވެ.

ފްރާންސްގެ ތިން ވަނަ ލަނޑު ވެސް ޖެހީ އެމްބާޕޭއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ޖެހި މި ލަނޑަކީ އޭނާގެ ފުރަތަމަ ގޯލާ ދާދި އެއް ގޮތަކަށް ޖެހި ގޯލެކެވެ.

މިއީ އެމްބާޕޭ މި ވޯލްޑް ކަޕްގައި ޖެހި ފަސް ވަނަ ލަނޑެވެ. އޭނާއަކީ މި ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ފްރާންސްގެ ޑިފެންޑަރު ޑޭޔޮޓް އަޕެމަކާނޯގެ އަތުގައި ޖެހިގެން ދިން ޕެނަލްޓީއެކެވެ. ލެވަންޑޯސްކީ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ނަމަވެސް ފްރާންސް ކީޕަރު ލައިނަށް ވުރެ ކުރިއަށް އަރާ ހުރުމުން އަލުން ރެފްރީ ވަނީ ޕެނަލްޓީ ޖަހަން އަންގައިފައެވެ. އޭރު ލެވަންޑޯސްކީ ޖެހި ޕެނަލްޓީ ކީޕަރު މަތަ ކުރިއެވެ. އަދި ލެވަންޑޯސްކީ ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ވަރަށް ފަސޭހަކަމާ އެކުގައި ވަނީ ގޯލްގެ ތެރެއަށް ވައްދާލައިފައެވެ.

ފްރާންސްގެ ސަޕޯޓަރުން މިއަދު ދަނޑަށް ވަނުމުގެ ކުރިން. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސުން ވަނީ 1998 އާއި 2018 ގައި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. ފްރާންސްއަކީ މުބާރާތުގެ އެއް ފޭވަރިޓެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ފްރާންސް މުބާރާތާ ކުރިމަތިލި އިރު، އެ ޓީމަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ. އެކަމަކު، ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި އެ ތަނެއް ނުދައްކައެވެ.

ފްރާންސް ދެވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ އޮސްޓްރޭލިއާ 4-1 އިން އަދި ޑެންމާކް ވަނީ 2-1 އިން ބަލިކޮށްފައެވެ. އެކަމަކު، ތިން ވަނަ މެޗުގައި ފްރާންސް ވަނީ ޓިއުނީޝިއާ އަތުން 1-0 އިން ބަލިވެފައެވެ. ފްރާންސްގެ ތިން ވަނަ މެޗަށް އެ ޓީމު ނުކުތީ، ވަރަށް ގިނަ ބަދަލުތަކާ އެކުގައެވެ.

ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ޑީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮވެގެންނެވެ. ޕޮލެންޑް ދެވަނަ ބުރަށް ދިޔައީ ގްރޫޕް ސީގެ ދެވަނައިގައި އޮވެގެންނެވެ.

ޕޮލެންޑްގެ ފުރަތަމަ މެޗުގައި އެ ޓީމު މެކްސިކޯ އާ 0-0 އިން އެއްވަރުވި އިރު، ދެވަނަ މެޗުގައި ޕޮލެންޑުން ވަނީ 2-0 އިން ސައުދީ އަރަބިއްޔާ ބަލިކޮށްފައެވެ. އެކަމަކު، ތިން ވަނަ މެޗުގައި އެ ޓީމު ވަނީ 2-0 އިން އާޖެންޓީނާ އަތުން ބަލިވެފައެވެ. ދެވަނަ ބުރަށް ޕޮލެންޑް ދިޔައީ ހަތަރު ޕޮއިންޓާއެކުގައެވެ.