މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ޖޯން ސްޓޯންސް އެއް މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ސްޓޯންސްގެ ފަލަ މަސްގަނޑަށް އަނިޔާވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އެފްއޭ ކަޕްގައި އާސެނަލް އަތުން 1-0 އިން ސިޓީ މޮޅުވި މެޗުގައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ސްޓޯންސް އަށް އަނިޔާގެ ސަބަބުން އެއް މަސް ދުވަހުގެ މުއްދަތަކަށް ނުކުޅެވޭނެ ކަން ކަށަވަރުކޮށްދީފައެވެ. ގާޑިއޯލާ ބުނި ގޮތުގައި އަނިޔާއާ ގުޅިގެން ސްޓޯންސް އަށް މެޗުގެ ބާކީ ވަގުތުގައި ނުކުޅެވޭނެ ކަން ޔަގީންވުމާ ގުޅިގެން ބަދަލު ކުރަން ޖެހުނީއެވެ.

ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ ނުކުންނާނީ ޓޮޓެންހަމްއާ އެކީގައެވެ. މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މަހެއް ވަންދެން ސްޓޯންސް ކުޅުމާ ދުރުގައި ހުރުމުގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސްޓޯންސް އަށް ދިމާވި އަނިޔާއާ ގުޅިގެން އޭނާ އަށް މުހިންމު މެޗުތަކެއް ގެއްލޭނެއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި އާރުބީ ލިޕްޒިގްއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ. އޭގެ އިތުރުން އެސްޓަން ވިލާ އާއި ނޮޓިންހަމް ފޮރެސްޓާއި ބޯންމައުތު އާއި ބްރިސްޓަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސްޓޯންސް އަށް ނުކުޅެވޭނެއެވެ.

ޕްރިމިއާ ލީގުގައި ފެބްރުއަރީ 16 ވަނަ ދުވަހު އާސެނަލް އާއި ސިޓީ ނުކުންނަ އިރު، މިއީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. މިވަގުތު އާސެނަލް އިން ލީގުގައި ކުޅުނު 19 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އިރު، ސިޓީ ދެވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 45 ޕޮއިންޓާއެކުއެވެ. މި ދެ ޓީމުގެ ދެމެދު މިހާރު އޮތީ ފަސް ޕޮއިންޓްގެ ފަރަގެކެވެ.

ސްޓޯންސް އަށް މީގެކުރިން ވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ. އަނެއް ކޮޅުން ސިޓީގެ ޑިފެންޑަރު ޖާއޯ ކަންސެލޯ ވަނީ މި ސީޒަން ނިމެންދެން ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވެފައެވެ.