ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގައި މިރޭ އަލްފަތުހާއި އަލްނަސްރު ބައްދަލުކުރި މެޗުން، އަލްނަސްރު ބަލިވާން ދަނިކޮށް ފަހު ވަގުތު ރޮނާލްޑޯ ލަނޑު ޖަހައި އެ ޓީމް ބަލިން ސަލާމަތް ކޮށްދީފިއެވެ.

މިއީ، ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ބަދަލުވުމަށް ފަހު، އެ ޓީމުގެ ޖޯޒީގައި ރޮނާލްޑޯ، 37، ކުޅުނު ތިން މެޗުގެ ތެރެއިން ޖެހި ފުރަތަމަ ގޯލެވެ.

މިރޭ އަލްފަތުހުގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަލްފަތުހުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަލްނަސްރުގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއަން ޓެލޯއެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ޖަހަން ބޯޅަ ލިބުނު ވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ. މީގެއިތުރުން ވެސް ރޮނާލްޑޯއަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބި ވަނީ ބޭނުން ނުހިފިފައެވެ. އެތަނުން އެއް ހަމަލާ ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްނަސްރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޓަލިސްކާއެވެ.

މެޗުގައި ދެވަނަ ފަހަރަށް އަލްފަތުހުން ލީޑު ނަގާފައި ވަނީ 58 ވަނަ މިނެޓުގައި ސޯފިއާނޭ ބެންޑެބްކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އަލްނަސްރުގެ ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުން އަލްނަސްރު ބަލިވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި އަލްނަސްރު ބަލިން ސަލާމަތް ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ އަލްނަސްރަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މިވަގުތު ލީގުގެ އެއްވަނާގައި އަލްނަސްރު އޮތީ ކުޅުނު 15 މެޗުން ލިބުނު 34 ޕޮއިންޓާއި އެކުގައެވެ. ދެވަނައިގައި އޮތް އަލްޝަބާބަށް ވެސް ވަނީ 16 މެޗުން 34 ޕޮއިންޓް ލިބިފައެވެ. މިރޭ އަލްނަސްރު އަތުން ޕޮއިންޓެއް ހޯދި އަލްފަތުހު މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ.