ޕްރިމިއާ ލީގުގައި އެވަޓަން އިން އެއްވަނައިގައި އޮތް އާސެނަލް ބަލި ކުރިއިރު ލިވަޕޫލް ބަލިވެއްޖެއެވެ.

އާސެނަލް ބަލިވީ ލީގުގެ ވަރަށް ފަހަތުގައި އޮތް އެވަޓަން އަތުން 1-0 އިންނެވެ. އަދި ލިވަޕޫލް ބަލިިވީ ވުލްވަހެމްޓަން އަތުން 3-0 އިންނެވެ.

އެވަޓަންގެ ގުޑްސަން ޕާކްގައި ކުޅުނު މެޗުގައި އެވަޓަންގެ ހަމައެކަނި ގޯލް ޖަހާފައި ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އެވަޓަންގެ ޑިފެންޑަރު ޖޭމްސް ޓަރްކޯސްކީއެވެ.

މެޗުގައި އާސެނަލް އާއި އެވަޓަން އަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ތެރޭގައި އެވަޓަންގެ ފޯވާޑް ކެލްވާޓް ލެވިން އާއި ބަކަޔޯ ސަކާ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ. އަދި ފަހު ހާފްގައި އާސެނަލްގެ މާޓިން އޮޑިގާޑް އާއި ލެސަންޑްރޯ އަށް ލިބުނު ފުރުސަތު ފާހަގަކުރެވެއެވެ.

މި ނަތީޖާއާ އެކު، އެއްވަނައިގައި އަދިވެސް އޮތީ އާސެނަލްއެވެ. އެ ޓީމު ކުޅުނު 20 މެޗުން 50 ޕޮއިންޓް ވަނީ ލިބިފައެވެ. މިއީ އާސެނަލް މި ލީގުގައި ބަލިވި ދެވަނަ މެޗެވެ. މީގެކުރިން، އެ ޓީމު ބަލިވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

އެވަޓަން އޮތީ ކުޅުނު 21 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

ވުލްވްސް ދަނޑުގައި ލިވަޕޫލް ކުޅުނު މެޗުގައި ވުލްވްސްގެ ލަނޑުތައް ޖަހައި ދިނީ ޖޮއެލް މަޓިޕް އާއި ކްރެއިގް ޑޯސަން އަދި ރުބިން ނެވޭސްއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. ވުލްވްސް އޮތީ ކުޅުނު 21 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.