ލޯނެއްގެ ދަށުން ޗެލްސީގެ ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއާއީ ސްޕެނިޝް ލީގުގެ ވެލެންސިޔާ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ބަޓްޝުއާއީ ވެލެންސިޔާ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނެއްގެ ދަށުންނެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން އޭނާ ވަނީ ލޯނެއްގެ ދަށުން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ވެސް ކުޅެފައެވެ. އެގޮތުން ޑޯޓްމަންޑަށް ކުޅެދިން 14 މެޗުގައި އޭނާ ވަނީ ނުވަ ގޯލު ކާމިޔާބުކޮށްފައެވެ.

ބަޓްޝުއާއީ ޗެލްސީ އަށް ބަދަލުވީ 2016 ވަނަ އަހަރު 33 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީ އަށް 53 މެޗު ކުޅެދީ 19 ގޯލު ކާމިޔާބުކޮށްދީފައެވެ.

ލޯނެއްގެ ދަށުން ބަޓްޝުއާއީ ވެލެންސިޔާ އަށް ބަދަލުވުމުން ޗެލްސީގެ ފޯވާޑުންގެ ގޮތުގައި މިހާރު ތިބީ ތިން ކުޅުންތެރިންނެވެ. އެއީ އަލްވަރޯ މޮރާޓާ އާއި އޮލިވިއޭ ޖިރޫގެ އިތުރުން އިންގްލޭންޑުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމްއެވެ.

ބަޓްޝުއާއީގެ އިތުރުން ޗެލްސީން އިއްޔެ ވަނީ އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ އެވަޓަން އަށް ފޮނުވާލިކަން ވެސް އިއުލާންކޮށްފައެވެ. ޒޫމާ ވެސް އެވަޓަން އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނެއްގެ ދަށުންނެވެ.