އަނިޔާގެ ސަބަބުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް މިޗީ ބަޓްޝުއާއީ އަށް ސީޒަން ނިމިއްޖެއެވެ.

ބަޓްޝުއާއީގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވަނީ ޖަރުމަނު ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ޝާލްކޭ އަތުން 0-2 އިން ޑޯޓްމަންޑް ބަލިވި މެޗުގައެވެ.

އެ އަނިޔާއާ ގުޅިގެން ޑޯޓްމަންޑުން ބުނީ ބަޓްޝުއާއީ އަށް މި ސީޒަނުގައި ކުޅުމުގެ ފުރުސަތެއް ގާތްގަނޑަކަށް މިހާރު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އަންނަ ޖޫން މަހު ބާއްވާ ވޯލްޑް ކަޕަށް ބަޓްޝުއާއީ ފިޓުވުމުގެ ފުރުސަތެއް އެބައޮތް ކަމަށް ޑޯޓްމަންޑުން ހާމަކުރެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޗެލްސީ އިން ލޯނެއްގެ ދަށުން ޑޯޓްމަންޑަށް ބަދަލުވި ބަޓްޝުއާއީ އަކީ އެޓީމުގެ ކުރީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ޑޯޓްމަންޑަށް ކުޅެދިން 15 މެޗުގައި 9 ގޯލު ކާމިޔާބުކޮށްފައެވެ.

ލޯނެއްގެ ދަށުން ބަޓްޝުއާއީ ޑޯޓްމަންޑަށް ބަދަލުވީ ޗެލްސީގައި އޭނާ އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. އެގޮތުން ޑޯޓްމަންޑަށް ބަދަލުވުމުގެ ކުރިން ޗެލްސީގެ ފުރަތަމަ އެގާރާގައި ހިމެނިގެން މި ސީޒަނުގައި ބަޓްޝުއާއީ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

ބަޓްޝުއާއީގެ ލޯނުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވާނެއެވެ.