ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކުން 0-1 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށްފިއެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި ވަނީ ލިއޮނަލް މެސީ އާއި ނޭމާ ހިމަނައިފައެވެ. ޕީއެސްޖީން ފެށީ ކީލިއަން އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. މެޗު ފަށައިގެން ބަޔާން އިން ބޯޅަ ހިފަަހައްޓައިގެން ކުޅެވޭތޯ ބެލިއިރު، އެ ޓީމުގެ ކެޕްޓަން، ޔޯސުއާ ކިމިކް ޖެހި ބޯޅައެއް ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފްގައި ބަޔާން މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ފްރާންސްގެ ކިންގްސްލީ ކޯމަންއެވެ. މިއީ އަލްފަންސޯ ޑޭވިސް ނެގި ހުރަހަކުން އޭރިއާ ތެރެއިން ކޯމަން އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެެކެވެ. މީގެ ދެ އަހަރު ކުރިން ފައިނަލްގައި ޕީއެސްޖީ ބަލިކޮށް, ތަށި ހޯދި މެޗުގައިވެސް ކުރީގެ ޓީމް ކޮޅަށް ލަނޑު ޖެހީ ކޯމަންއެވެ. ކުރިން ޕީއެސްޖީ އަށް ކުޅުނު ކޯމަން މި ލަނޑު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެއެވެ.

ކިންގްސްލީ ކޯމަން ފޮޓޯ ގެޓީ އިމޭޖެސް

މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުކުމެ އެމްބާޕޭ ލަނޑެއްޖެހި ނަމަވެސް ވީއޭއާރުން ނިންމީ ގޯލެއް ނޫން ކަމަށެވެ. ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭޒް ނަގައިިދިން ހުރަހަކުން އެމްބާޕޭ ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރްއިން ބެލިއިރު، އޮފްސައިޑްވުމުންނެވެ. އޭގެ ފަހުން، މެންޑޭޒް ނެގި ހުރަހަކުން މެސީ ޖެހި ބޯޅައެއް ބަޔާންގެ ޑިފެންޑަރު، ބެންޖަމިން ޕަވާޑް ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގައި މެސީ އަށް ކުރި ފައުލަކަށް ޕަވާޑަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑު ދައްކައިފައެވެ.

ކްއާޓާ ފައިނަލްގެ ޖާގައެއް ހޯދަން ބަޔާންގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން މޮޅުވުން ޕީއެސްޖީއަށް މިހާރު މަޖުބޫރެވެ. އެެމެޗު ކުޅޭނީ އަންނަ މަހު އަށްވަނަ ދުވަހުއެވެ.